ޚަބަރު

ތެލަސީމިއާ ހޮސްޕިޓަލް އަޅަން 100މިލިއަން ދައްކާގޮތަށް، އުރީދޫގެ ފީ ކުޑަކުރަނީ


  • އުރީދޫން %6ގެ ފީއެއް ދަޢުލަތަށް ދައްކާ

  • މަޝްވަރާކުރަނީ ފީ %5އަށް ކުޑަކޮށް، އިތުރު 100މިލިއަން އެއްފަހަރާ ދެއްކުމަށް

  • މި ފައިސާ ހޭދަކުރާނީ ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް

ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދޭގޮތަށް، އުރީދޫން ސަރުކާރަށް ދައްކަމުންދާ ފީ ކުޑަކުރުމަށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރައްވައިފިއެވެ.

ކެބިނެޓްގެ ނިންމުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރއްިޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިކަމާ މެދު ގޮތެއް ނިންމުމަށް ކެބިނެޓާއި ހަމައަށް އަދި ގެނެސްފައި ނުވާކަމަށެވެ.

ނަމަވެސް ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ މައި ދެ ކުންފުނި، އުރީދޫ އާއި ދިރާގުން ދަޢުލަތަށް ދައްކާ ފީ އެއްހަމަކުރުމަށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.

ވަތަނިއްޔާގެ ނަމުގައި މިހާރުގެ އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފެށީ 2005ވަނަ އަހަރުއެވެ. އެ ކުންފުނިން ރާއްޖޭގައި ޚިދުމަތް ދެނީ، ދިރާގަށްވުރެ އަގު ބޮޑުކޮށެވެ. މިޚިދުމަތް ދެމުން އަންނަނީ ކުންފުނީގެ އަހަރީ އާމްދަނީން %5 އަދި އައިސީޓީ ދާއިރާ ކުރިއެރުވުމަށް އިތުރު %1 ހިމެނޭގޮތަށް، ޖުމްލަ %6ގެ ފީއެއް ދަޢުލަތަށް ދައްކާގޮތަށެވެ.

ނާޒިމް ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރައްވާފައިވަނީ އެ ކުފުނިން އެޑްވާންސް ޓެކްސްގެ ގޮތުގައި ދަޢުލަތަށް ދައްކާ 100މިލިއަން ރުފިޔާގެ ބަދަލުގައި އެއްފަހަރާ 200 މިލިއަން ދެއްކުމުން އަހަރީ އާމްދަނީ ފީ ކުޑަކުރުމަށްކަމަށެވެ. އަދި މީގެތެރެއިން ދައްކާ 100މިލިއަން ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް ޚަރަދުކުރާގޮތަށްކަމަށެވެ.

"އޭރުން ދެ ކުންފުނިންވެސް ދަޢުލަތަށް ދައްކަންޖެހޭނީ އާމްދަނީގެ %5. އެޑްވާންސް ޓެކްސްގެ ގޮތުގައި އުރީދޫން ދައްކާ 100މިލިއަންގެ ބަދަލުގައި 200 އަށް އިތުރުކޮށް، އަހަރީ ފީގެ އިންސައްތަ ކުޑަކުރުމަށް ވަނީ މަޝްވަރާކޮށްފައި. އެފައިސާ އެއްފަހަރާ ދެއްކުމާއެކު ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 100މިލިއަން ރުފިޔާގެ އެހީއެއް ސަރުކާރަށް ދައްކާގޮތަށް." ރަައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

މިކަން ވަޒީރުންގެ މަޖިލީހަށް ހުށައަޅާނީ، އިކޮނޮމިކް ކައުންސިލްގައި އިތުރަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހުއެވެ. އިކޮނޮމިކް ކައުންސިލަކީ އިޤްތިޞާދާއި މާލީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާ ކައުންސިލެކެވެެ.

ތެލަސީމިއާ ފަރުވާ ރާއްޖޭގައި ރަނގަޅުކުރުމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މި ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ މާލެ ސަރަޙައްދުގައެވެ. މި މަޝްރޫޢަށް 25 މިިލިއަން ޑޮލަރު ހޭދަނާވެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.