ޚަބަރު

30 އަހަރަށްފަހު ފެލިދުއަށް ޒަމާނީ އިންޖީނުގެއެށް


  • ކުރިން ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓް

  • މިހާރު އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓް

  • ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައި

30 އަހަރަށްފަހު ވ.ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގޭގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެލިދުއަށް ވަޑައިގެން އެރަށު ޒަމާނީ އިންޖީނުގެ ހުޅުވައިދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފަށްޓަވައިދެއްވައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، އަލިފާން ނިއްވާ ނިޒާމައި މުވައްޒަފުން ތިބޭނެ އިންތިޒާމާއެކު އިންޖީނުގެ އަޑު ބޭރަށް ނީވޭނެހެން ހަދާފައިވާ ތަނެއްކަމަށެވެ.

އަދި މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްސަ ހޯލެއްވެސް މިތަނުގައި ހުރެއެވެ. މިއީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއެކު، ގާއިމްކޮށްފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ފެލިދޫ ކައުންސިލުން ވިދާޅުވީ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައިވާކަމަށެވެ. ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމަކީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ކައުންސިލް ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ.

ސްޓެލްކޯއިން ވިދާޅުވީ 2014ވަނަ އަހަރު ފެލިދޫ އިންޖީނުގެ އެ ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ރަށުގެ ކަރަންޓުގެ ޑިމާންޑަށް ބަލައި، ދިޔައީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައެވެ.

ސްޓެލްކޯއިން ވިދާޅުވީ މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓެވެ. ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއެކު އަޅާފައިވާ އިންޖީނުގެ އެކެވެ.