ޚަބަރު

އެމްއޭސީއެލްގެ ޕްރޮޖެކްޓްތަކާއި ޚިދުމަތުގެ މަޢުލޫމާތު ގެނެސްދޭން ޕީއެސްއެމާއެކު އެއްބަސްވުމެއް


  • މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް

  • މީގެ ދަށުން އެމްއޭސީއެލްގެ ޕްރޮޖެކްޓްތަކާއި ޚިދުމަތުގެ މަޢުލޫމާތު ގެނެސްދޭނެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ކުރިއަށްގެންދާ މަސައްކަތްތަކާއި ކުންފުނީގެ ޚިދުމަތްތަކުގެ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ދެމެދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދުއެވެ. ޕީއެސްއެމުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.

މިއެއްބަސްވުމުގެދަށުން އެމްއޭސީއެލްއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކުންފުނީގެ ޚިދުމަތްތަކާއި ބާއްވާ ހަރަކާތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ. އަދި އެކި މަންސަތަކުގައި ކުންފުނި އިޝްތިހާރުކުރުމުގެ މަސައްކަތްތައް މިއެއްބަސްވުމުގެ ދަށުން ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ކުންފުނީގެ މަސައްކަތްތަކާއި ޚިދުމަތްތަކަށް އަންނަ ބަދަލުތަކާއި، ކުންފުނީގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތާޒާ މަޢުލޫމާތަކީ ރައްޔިތުންނަށް މުހިންމު މަޢުލޫމާތުތަކެއްކަމަށެވެ. އަދި އެކަމުގައި އިތުބާރާއެކު އެމްއޭސީއެލްއާއެކު މަސައްކަތް ކުރެވޭނެ ކުންފުންޏަކީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ކަމަށް ޤަބޫލުކުރައްވާކަމަށް އިބްރާޙިމް ޝަރީފް ވިދާޅުވިއެވެ.

"އެމްއޭސީއެލްގެ މަސައްކަތްތަކުގެ މަޢުލޫމާތު ތާޒާކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެން އަބަދުވެސް ބޭނުންވޭ. ބޭނުންވަނީ މި މަޢުލޫމާތު ވީހާވެސް އަވަހަށް ފޯރުކޮށްދިނުން. އެކަން ޕީއެސްއެމުން ކުރާނެކަމުގެ ޔަގީންކަން އެބައޮތް." އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ އެމްއޭސީއެލްއާއި އެއަރޕޯޓްގެ ޚިދުމަތަކީ ރައްޔިތުންނާ އަދި ޤައުމުގެ ތަރައްޤީއާ އެންމެ ބޮޑު ގުޅުމެއް އޮތް އެއް ޚިދުމަތަށްވާތީ، ކުންފުނީގެ މަޢުލޫމާތު ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އެމަޤުޞަދަށް ވާސިލްވުމަށް ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުން މި އެއްބަސްވުމުގެ ދަށުން ލިބޭނެ ކަމުގެ ޔަގީންކަން، ޒީނާ ދެއްވިއެވެ.

"އެމްއޭސީއެލްއަކީ ޕީއެސްއެމުން ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކުންފުންޏެއް. އެއަރޕޯޓަކީ ޤައުމުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ތަން. ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ގެނެސްދިނުމުގައި ދަޢުލަތުގެ މީޑިއާގެ ޒިންމާ ފުރިހަމައަށް އަދާކުރާނަން." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލްއާއި ޕީއެސްއެމް ގުޅިގެން 1 އަހަރުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ.