ޚަބަރު

އަބުރުގެ ބިލަށް ސަރުކާރުން އިޞްލާޙުތަކެއް ހުށަހަޅަނީ


އަބުރު ރައްކާތެރިކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާއި ބެހޭގޮތުން ނޫސްވެރިން ދެއްކެވި ވާހަކަތައް އަޑުއައްސަފައިވާ ކަމަށާއި ބިލަށް އިޞްލާޙުތަކެއް ސަރުކާރުން ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ގެމަނަފުށީގައި މިއަދު ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބިލުގައި ހުރި އަދަބުތައް ލުއިކުރައްވާނެ ކަމަށެވެ. ޖޫރިމަނާތައްވެސް ކުޑަކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިންގެ އަޑުއައްސަވައި ބިލަށް ބަދަލު ގެންނެވުމާއެކުވެސް ވަލިއްޔުލް އަމުރުގެ މަޤާމުގައި ހުންނަވައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ރައްޔިތުންގެ މަސްލަޙަތަށް ފުށުނާރާގޮތަށް، ރައްޔިތުންގެ އަބުރު ނުގެއްލޭހާ ހިނދަކު އެމީހަކީ އަބުރުވެރިއެއްގެ ގޮތުގައި ކަށަވަރުކޮށްދެއްވުން ކަމަށެވެ.

ނޫސްވެރިން ލިޔާ ލިޔުންތައް ބައްޓަންކުރާއިރު ޙަޤީޤަތާ އެއްގޮތަށް، ޒިންމާދާރުކަންމަތީ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލެއްވިއެވެ. ގއ.ގެމަނަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ޤަނޫނާ ޚިލާފަށް ކަމެއް ކުރައްވާނަމަ، އަދި ރައްޔިތުންގެ މަޞްލަޙަތަށް ލޮޅުމެއް އަރާކަމެއް ކުރައްވައިފިނަމަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ ޖާއިޒްކަމެއްކަމަށެވެ. ނަމަވެސް ނޫސްވެރިކަމުގެ ސައުވީސް ގަޑިއިރުގެ މަސައްކަތަކީ ޙަޤީޤަތެއް، އަސާސެއް ނެތް ވާހަކަތައް ފެތުރުމާއި މީހުންގެ އަބުރު ކަތިލުންކަމުގައި ވާނަމަ އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ނޫސްވެރިން ލިޔުއްވާއިރުވެސް ޙަޤީޤަތަށް ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ލިޔުއްވަން ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް ސީމެގުން ރާއްޖެއާމެދު ގޮތްތަކެއް ނިންމަވަން އުޅުއްވާތީ އެކަމަށްވެސް ގެމަނަފުށީގައި ރައީސް ދެއްކެވި ވާހަފަޅުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސް ވިދާޅުވީ، ކޮމެންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕް ސީމެގުން ރާއްޖެއާމެދު މާބޮޑު ފިޔަވަޅެއް އަޅުއްވާނެކަމަށް ނުބެއްލެވޭކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ސީމެގުން ކުރާ މައްސައްކަތުގެ ހުރިހާވެސް މައްސަލައަކީ ރާއްޖެއަކީ އިސްލާމް ދީނުގެ މަތީގައި ދެމިއޮންނަ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުންކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރެއްވުމަށްކަމަށެވެ.

އަދި ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ބުނެ، ވާހަކަ ދައްކާ މީހުން އެވާހަކަތައް ދައްކަވަނީވެސް ވަކި މީހަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.