ޚަބަރު

ރައީސް، ދެއްވަދޫ ބަނދަރާއި އައިސް ޕްލާންޓް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި މިއަދު ރަސްމީކޮށް ދެ މަޝްރޫއެއް ހުޅުއްވާދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވާދެއްވި އެއް މަޝްރޫޢުއަކީ ދެއްވަދޫގައި ސަރުކާރުން 32 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ހައްދަވާފައިވާ ޒަމާނީ ފެންވަރުގެ ބަނދަރެވެ. މިބަނދަރަކީ، ހަތްސަތޭކަ ފޫޓު ދިގުމިނުގެ ބަނދަރެކެވެ. ދެއްވަދޫގައި މިފްކޯއިން ޤާއިމްކޮށްދިން އައިސްޕްލާންޓްވެސް ރައީސުލްހުމްހޫރިއްޔާ ވަނީ ހުޅުއްވާދެއްވައިފައެވެ.

މީގެ އިތުރުން ދެއްވަދޫގައި ޒަމާނީފެންވަރަށް ހައްދަވަން ނިންމާފައިވާ މިސްކިތުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. މިމިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒާއި، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނުއެވެ.

ދެއްވަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ދެއްވަދުއަކީ އެކަހެރި ރަށެއް ނޫންކަން މިއަދު ރައްޔިތުންނަށް އިޙްސާސްވެގެން ދާނެކަމަށެވެ. އަދި ދެއްވަދުއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަށް ސަރުކާރުން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެއްވަދޫ ހިމެނޭ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ވިދާޅުވީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ދާއިރާތަކުގެ ރަށްރަށުގައި ކުރިއަށް ގެންދަވާ މަޝްރޫއުތަކަށް ވަރަށް ބޮޑެތި އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާކަމަށެވެ. ދެއްވަދޫގައި މިހާރުވެސް ބަނދާރާއި، ޕެންޕްލާންޓް، އަދި ކުނި ކޮށްޓެއްގެ އިތުރުން ސްކޫލާއި، ޞިއްޙީމަރުކަޒުގެ މަރާމާތު ކުރެއްވުން ފަދަ މަސައްކަތްތައް ނިމިފައިވާއިރު، ނަރުދަމާގެ މަޝްރޫއު މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އާބާދީގައި 1278 މީހުން ދިރިއުޅޭ ދެއްވަދުއަކީ ބިމުގެ ގޮތުން ތަނަވަސް ނޫން ރަށަކަށްވުމުން، ދެއްވަދޫ ފަދަ ރަށްރަށުގެ ޒުވާނުންނަށް ޚާއްޞަ ކުރައްވައިގެން ހުޅުމާލެ ތަރއްޤީކުރައްވަމުން ގެންދަވާކަމަށާއި، ހުޅުމާލެއިން އެފަދަ ޒުވާނުންނަށް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.