ދިވެހި ޅެންވެރިކަމުގެ ނަފްސާނީ ފަރުވާއާ ބެހޭ ފަންނީ މަސައްކަތްތަކާ ގުޅޭގޮތުން ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށްފިއެވެ. މި ބައްދަލުުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޅެމުން ނަފްސާނީ ފަރުވާދިނުމަކީ ދުނިޔޭގައި ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި މިއީ ރާއްޖެއަށް ވަރަށް އައު ކަމެއް ނަމަވެސް، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު ބޭއްވުނު ބައްދަލުވުން.#ދައުލަތުގެޓީމު pic.twitter.com/cYEs7xrjmK
— Ministry of Dhivehi Language, Culture and Heritage (@MoDLCH) February 6, 2024
އެހެންކަމުން މިކަމާ ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެފަރާތާއެކު މަޝްވަރާ ކުރެވެމުން ދާކަމަށްވެސް ވިދާޅުވިއެވެ. އަދި ދިވެހި ޅެމުން ނަަފްސާނީ ފަރުވާދެވޭނެ ގޮތްތަކާ ބެހޭގޮތުން މި ޚިދުމަތަށް ޚާއްޞަ ބޭފުޅުންގެ ޚިޔާލު ހޯދައި އެކަމުގެ ފަންނީ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާއި،
ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި ދަމަަނަވެށިން ވަނީ ބައިވެރިވެފައެވެ.
މީގެކުރިންވެސް ވަޒީރު ވަނީ ކަމާއި ގުޅުން ހުރި ބައެއް މުއައްސަސާތަކާ ބައްދަލުކޮށް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.