މަސްވެރިންގެ ދަފްތަރު އެކުލަވާލެވުމާއެކު މިސިނާޢަތުގެ މަސައްކަތުގައި އިތުރުވަމުންދާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވަމުންދާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބިދޭސީންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. ނިމިދިޔަ ސަރުކާރުން ކަމާ ގުޅޭ އުސޫލަށް ގެނައި އިސްލާޙާއެކު ނިޒާމުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި، މަސްދޯނިތަކުގައި ޙަރަކާތްތެރިވާ ބިދޭސީންގެ ނިސްބަތްވަނީ އިތުރުވެފައެވެ. އަދި ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއިން 17 ރުފިޔާއަށް ބޮޑުކުރުމާއެކު މަސްދޯނިތަކުގައި ތިބި ބިދޭސީ މަސްވެރިންގެ ސަބަބުން ރާއްޖެއިން ބޭރަށް ދާ ފައިސާގެ ނިސްބަތްވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.
މިމައްސަލައަށް ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށް ނިންމަވާފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިފަދްތަރު އިފްތިތާޙްކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޙުސެއިން ސިނާން ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ދަފްތަރު އިފްތިތާޙްކުރާނެކަމަށެވެ.
"މަސްވެރިންގެ ދަފްތަރު އެކުލަވާލެވި، ކޮންމެ ދުވަހަކު މަސްވެރިން މަސްބާނާ މަހުގެ ރިޕޯޓާއެކު އެދުވަހެއްގައި މަހަށް ދިޔަ ބޭފުޅުން އައިޑެންޓިފައި ކުރެވޭނެ. އެހާހިސަބުން ރަނގަޅަށް ދަފްތަރު ހިނގައިގަނެ ސަބްސިޑީ ދެވޭނެ ގޮތް ބަދަލުކުރެވިގެންދާނެ." ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ މިދަފްތަރު ރަނގަޅަށް ހިންގައިގަތުމުން މަސްވެރިންނަށް ދެވޭ ސަބްސިޑީ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުވާނެކަމަށެވެ. މިކަން ކަށަވަރުކުރުމަށް ވުޒާރާގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކާއި ދައުލަތުންދޭ މާލި އެހީތެރިކަން ލިބެނީ ޙައްގުވެރިންނަށްތޯ ޔަގީންކުރުމުގެ މަސައްކަތްވެސް އެވުޒާރާއިން ކުރައްވަމުންގެންދަވާކަމަށެވެ.
މިދަފްތަރާއެކު މަސްވެރިންނަކީ ދިވެހި ދައުލަތް ދަންނަ ބަޔަކަށް ހަދާ މަސްވެރިންނަށް ލިބިދޭންޖެހޭ ޙައްގުތައް ލިބިދިނުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް މުހިންމު ބަދަލަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދަފްތަރު މިމަހުގެ 16ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.