އަތޮޅުތައް

ރައީސް ގއ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ‏ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދުއަށް ވަޑައިގެން، އެރަށުގެ މިސްކިތް ހުޅުއްވައިދެއްވިއެވެ. އަދި އެއަށްފަހު ގެމަނަފުއްޓަށް ވަޑައިގެން އެރަށުގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި މި ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅު ދެއްވަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އައިސް ޕްލާންޓް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ.