ކުޅިވަރު

ނިއުރޭޑިއެންޓް ބަލިކުުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް


ނިއުރޭޑިއެންޓާ ދެކޮޅަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ނިއުރޭޑިއެންޓާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ ލީގު ފަށަން ބޭނުންވަނީ މޮޅަކުން ކަމަށާއި، އަދި ނިއުރޭޑިއެންޓް ބަލިކޮށް ލީގު ފަށަން ބޭނުންވާ ކަމަށެވެ. ނިމިގެންދިޔަ ސީޒަން ކާމިޔާބު ނޫންނަމަވެސް މިއަހަރުގެ އަމާޒަކީ ލީގާއެކު އެހެން ތަށިތަށްވެސް ނެގުން ކަމަށް ސުޒޭން ބުންޏެވެ.

" ނިއުރޭޑިއެންޓަކީ އެންމެ ކާމިޔާބު އެންމެ ގިނަ ސަޕޯޓަރުން ތިބި ކްލަބް. އެހެންވީމަ ނިއުއާ ދެކޮޅަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ކޮންމެ ކޯޗަކަށްވެސް ލިބޭނެ ކާމިޔާބީއެއް. ހަމަ ޤައިމުވެސް އަޅުގަނޑަށް ވަރަށް ހާއްސަ މިމެޗް" ސުޒޭން ބުންޏެވެ.

ނިއުރޭޑިއެންޓްގެ ކޯޗް ޔޮރްދާން ސްޓައިކޯފް ބުނީ ޗެރިޓީ ޝީލްޑް މެޗުން ބަލވިޔަސް މާދަމާގެ މެޗަކީ ދެޓީމަށްވެސް ތަފާތު މެޗެއް ކަމަށެވެ. އަދި ނިއުރޭޑިއެންޓްވެސް ނިކުންނާނީ މާޒިޔާ އަތުން މޮޅުވެ، މޮޅަކުން ލީގު ފަށަން ކަމަށް ސްޓައިކޯފް ބުންޏެެވެ. މާޒިޔާއަކީ އެޓޭކްގައި މޮޅު ޓީމެއް ނަމަވެސް ނިއުރޭޑިއެންޓް ޑިފެންސްލައިންއަށް ފުރިހަމަ އިތުބާރު ކުރާ ކަމަށްވެސް ސްޓައިކޯފް ބުންޏެވެ.

" މާދަމާއަކީ ތަފާތު ދުވަހެއް. ތަފާތު މެޗެއް. މާޒިޔާގެ ދަށް ދުވަހަކަށްވެސް ވެދާނެ. ފުޓްބޯޅައިގައި މިކަންކަން މިއަންނަނީ ފެންނަމުން" ސްޓައިކޯފް ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ނިއުރޭޑިއެންޓާ މާޒިޔާ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.