މިއަހަރުގެ ލީގުގައި ކޮންމެ ޓީމަކަށްވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ވެލެންސިޔާގެ މެނޭޖަރ އަބްދުﷲ ޝިބާޢު ބުނެފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ބީޖީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ޝިބާޢު ބުނީ ލީގު މިއަހަރު ފޯރިގަދަވާނެ ކަމަށާއި، ވަކި ޓީމަކީ ވަރުގަދަ ޓީމެކޭ ނުބުނެވޭނެ ކަމަށެވެ. ވަރުގަދަ ސްކޮޑަކާއެކު ލީގާ ކުރިމަތިލާއިރު ވެލެންސިޔާގެ އަމާޒު ހުރީ ގަދަ ހަތަރަކަށް ކަމަށް ޝިބާޢު ބުންޏެވެ. އަދި މާދަމާ ރޭ ލީގު ފަށާނީ ބީޖީ ބަލިކޮށްގެން ކަމަށްވެސް ޝިބާޢު ބުންޏެވެ.
"ވެލެންސިޔާއިން ފާއިތުވީ ދެމަހު ކުރި މަސައްކަތް މާދަމާ ރޭ ފެންނާނީ. ބީޖީއަށް އިހުތިރާމް ކުރަން. ނަމަވެސް ބުނަން އޮތީ މާދަމާ ރޭ ވެލެންސިޔާ ފައިބާނީ ބީޖީ ބަލިކޮށްގެންނޭ" ޝިބާޢު ބުންޏެވެ.
ބީޖީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ބީޖީ މިއަހަރުގެ ސީޒަނާ ކުރިމަތިލަނީ ޒުވާން ސްކޮޑަކާއެކު ކަމަށާއި، ނަމަވެސް ކޮންމެ ޓީމަކާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ. ބީޖީގެ އަމާޒު ހުރީ ގަދަ ހަތަރަކަށް ކަމަށާއި ޒަމާންތަކަކަށްފަހު ވަރުގަދަ ސްކޮޑަކާއެކު ވެލެންސިޔާ ލީގާ ކުރިމަތިލާއިރު ބީޖީން ޖެހިލުން ނުވާކަމަށް ޝާޒްލީ ބުންޏެވެ.
"ވަރަށް ޒުވާން ސްކޮޑެއް މިއޮތީ. ބީޖީ މިދިޔަ އަހަރަށްވުރެ ތަފާތުވާނެ. ވެލެންސިޔާ މެޗަކީ ލީގު ފަށަން އެންމެ ބޭނުންވާ މެޗް. އަދި މެޗް ނިންމާނީ ކާމިޔާބާއެކު" ޝާޒްލީ ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ބީޖީ އަދި ވެލެންސިޔާ ވާދަކުރާނީ މާދަމާ ރޭ ނުވައެއް ޖަހާއިރުއެވެ.