އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.
މާލެ ކައިރީ ބޮޑު ފަޅެއްގެ ގޮތުގައި އޮތް ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައިވަނީ 1991 ވަނަ އަހަރު، މި ސަރަޙައްދުގައި އުފެދޭ ކުނި މެނޭޖްކުރާ ރަށެއްގެ ގޮތުގައެވެ. ފުރަތަމަ ހިއްކީ ކުނިން "ލޭންޑް ފިލް"ކޮށްގެންނެވެ. އަދި އޭގެ ފަހުން އެކި ފަހަރުމަތިން ބިން ހިއްކާފައިވެއެވެ.
ތިލަފަޅަކީ މިސަރަހއްދުގެ ފަޅުތަކުގެ ތެރެއިން ބޮޑު ފަޅަކަށްވާތީ މިސަރަޙައްދުގެ ސިނާޢީ ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް އޭރުގެ ސަރުކާރުން ނިންމެވިއެވެ.
ތިލަފުށި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން އެޗް.ޑީ.ސީގެ ދަށަށް ބަދަލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެޗް.ޑީ.ސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލިއެވެ. މާސްޓާރ ޕްލޭން އެކުލަވާލާފައިވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުންދާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްޤީކުރުމަށެވެ.
ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތީ ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ދަށުން 120 ހެކްޓަރު ބިންވަނީ ހިއްކާފައެވެ. އަދި މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި، ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް ހިއްކި ސަރަހައްދުން ބޮޑު ބިމެއް ވަނީ ޚާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނޭ ކަމަށް އެޗްޑީސީން މީގެކުރިންވަނީ ހާމަކޮށްފައެވެ.