މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަ މަހު 3.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.7 އިތުރު އަދަދެކެވެ. އަދި، މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.2 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭގޮތުގައި، މިދިޔަ އަހަރުގެ ޖަނަވަރީގައި ލިބުނު އާމްދަނީ އަޅައިބަލާއިރު މި އަހަރުގެ ޖަނަވަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މީގެއިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު %18.9 އިތުރުވެފައިވުމެވެ.
ސުންގަޑިއަށް ފައިސާދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން މިދިޔަމަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އަދި ކޮމާރޝަލް ބޭންކުތަކުން މިމަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފައިކަމަށްވެސް މީރާއިން ހާމަކުރެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީގެ އާމްދަނީއަށް ބިނާކޮށް ޖީ.ޖީ.އެސް.ޓީގެ އައު ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާތީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެއެވެ.
މިދިޔަމަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވަނީ، ކޯޕަރޭޓް އިންކަމް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
މިދިޔަމަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހުންނެވެ.
• އިންކަމް ޓެކްސް - 1.68 ބިލިއަން ރުފިޔާ
• ޖީ.އެސް.ޓީ - 1.41 ބިލިއަން ރުފިޔާ
• ގްރީން ޓެކްސް - 99.56 މިލިއަން ރުފިޔާ
• އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ - 94.62 މިލިއަން ރުފިޔާ
• ޑިޕާރޗަރ ޓެކްސް - 92.23 މިލިއަން ރުފިޔާ
• އެހެނިހެން ޓެކުހާއި ފީ - 220.38 މިލިއަން ރުފިޔާ
މިދިޔަމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.