ޚަބަރު

ޕާސަނަލް ލޯނާއި ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދެނީ


  • މީގެކުރިން މިކަމަށް 5 ދުވަސް ހޭދަވޭ

ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިންގ ލިބޭ އަދަދު ފެންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ ބެންކުގެ ސްޓްރެޓެޖީގެ މުހިންމު ބައެއްކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްތަކަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު މި ގެނެވުނު ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެ. އެހެން ކަމުން ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މިވަނީ 5 ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި." ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ލިބޭނެކަމަށް ފެންނަ އަދަދަކީ ބޭންކުގެ ކްރެޑިޓް އިވެލުއޭޝަނަށް ފަހު ކަނޑައަޅާފައިވާ އަދަދެއްކަމަށެވެ. އަދި ކަސްޓަމަރުންނަށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާއި ހަމަޔަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަމަށާއި، މި ފައިނޭންސިންގ ތަކުގެ ރޭޓަކީ %15 ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އަދި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ލިބޭނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.