ކުރު މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ މަސްވެރިންނަށް ނުދީ ފައިސާ ދިނުމުގެ މަސައްކަތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
އައްޑޫ ސިޓީގެ މަރަދޫއާއި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިންގެ ޝަކުވާތަކުގެ މައްޗަށް އަލިއަޅުއްވާލަންވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެދެރަށުގެ މަސްވެރިންނަށް ދޭންޖެހޭ 30 މިލިއަން ރުފިޔާ ވީއެންމެ އަވަހަކަށް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ މައްސަލަ ބޮޑުވީ މި ސަރުކާރުގައި ނޫންކަމަށާއި، އެމައްސަލަ ދިމާވީ މީގެކުރިން އަމަލުކުރަމުންދިޔަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީޢެންމެ އަވަހަށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ނުދީ ފައިސާގެ ތެރެއިން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާކަމަށެވެ. އަދި މިއީ މިހާތަނަށް ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި ސަރުކާރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"ދަތި ދުވަސްތަކެއް އެހެންނަމަވެސް މަސްވެރިންގެ ކިބައިންވެސް އަޅުގަނޑު އެދެނީ އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުމަށް. މިދެރަށުގެ މަސްވެރިންނަށްވެސް ދައްކަންޖެހޭ 30 މިލިއަނެއްހާ ރުފިޔާ އެބައޮތް އެފައިސާވެސް އަވަހަށް ދައްކާ، ކުރު މުއްދަތެއްގައި ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާއިރު، މަސްވެރިންނާއި ބައްދަލުކުރުމަށް މަސްވެރިމަކާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ކޫއްޑޫއަށްވެސް ވަޑައިގެންފައެވެ. އަދި ސަރުކާރުން ކިތަންމެ ބޮޑު ބުރައެއް އުފުލައިގެންވިޔަސް މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.