ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިވާނެ: ސާޖިދާ


  • ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ޚާއްޞަ ލޯގޯއެއް ވަނީ އިފްތިތާޙްކޮށްފައި

  • މިލޯގޯއަކީ ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއްކަމަށް ވިދާޅުވި

  • ލޯގޯގެ ސަބަބުން އިތުރު މަންފާއެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވި

ކާބޯތަކެތީގެ ރައްކާތެރިކަމާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން އިސްނަގައިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާ ގުޅިގެން އިފްތިތާޙުކުރި "ހޯމް ބޭސްޑް ފުޑް ޕްރޮޑިއުސަރ ލޯގޯ" އަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލޯގޯއެކެވެ.

ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިލޯގޯއަކީ ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއްކަމަށެވެ.

"މިލޯގޯގެ އަސްލު މަޤްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އެކަން އިތުރަށް މަގުފަހިކޮށްދިނުމަށްޓަކައި، މިހާރު ހެދިފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން ކުރިއަށް ދިޔުމުގެ ފުރުސަތު ހަނިވެފައިވާތީ، އެކަން ފުޅާކޮށްދިނުމަށްޓަކައި އެކުލަވާލެވިގެންދިޔަ މިންގަނޑެއް،" ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ މިލޯގޯ ދިނުމަށް ޚާއްސަ މިންގަނޑެއް ކަނޑައަޅާފައިވާނެ ކަމަށެވެ. މިލޯގޯގެ ސަބަބުން އިތުރު މަންފާއެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން އަބަދުވެސް ގުޅިފައިވަނީ ހަމައެކަނި ޞިއްޙަތާއި ނޫން ކަމަށާއި، ވިޔަފާރިއެއް ފަހިވެގެންދިޔުމަކީވެސް އެކަމުގެ މުހިއްމު އަސާސެއް ކަމަށެވެ.

" ކާބޯތަކެތީގެ ރައްކާތެރިކަން ގުޅެނީ ހަމައެކަނި ޞިއްޙަތަކާއި އެއް ނޫން، އަޅުގަނޑުމެންގެ ޓްރޭޑާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވޭ،" ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާވަނީ ބީސީސީން މިފަދަ ލޯގޯއެއް ތައާރަފްކުރުމުގައި އެމްއެފްޑީއޭއާއި ހެލްތު މިނިސްޓްރީ ބައިވެރިކުރުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އާމްދަނީ ހޯދަން ގޭގައި އުފައްދާ މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއްކަމުން މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރަން އެޅޭ ހަރުދަނާ ފިޔަވަޅެއްގެގޮތުގައި ބީސީސީން ދެކެއެވެ.

މިލޯގޯއާ ގުޅިގެން ބީސީސީންވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލެއްވެސް އެކުލަވާލާފައެވެ.

އާމްދަނީ ހޯދުމަށް ގޭގެއި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހަޅަން ޖެހެނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ.