ކުޅިވަރު

ޓީސީގެ މައްޗަށް ކުރި ހޯދާ އީގަލްސް ފެށުން ރަނގަޅުކޮށްފި


އުރީދޫ ދިވެހި ޕްރިމިއަރ ލީގު އީގަލްސްވެސް މޮޅަކުން ފަށައިފިއެވެ. 

އީގަލްސް މޮޅަކުން ލީގު ފެށީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދި ޓީސީގެ މައްޗަށް ދޭއް އެކަކުން ކުރި ހޯދައިގެންނެވެ. 

މެޗުގައި ފުރަތަމަ ލީޑްނަގާ ކުރި ހޯދީވެސް ކުލަބް އީގަލްސްއިންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ފޯވާޑް މުހައްމަދު ސިއްދީގުއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައިސް މިސީޒަންގައި ޓީސީއާ ގުޅުނު ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ޝަމްވީލް ޤާސިމްއެވެ. މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. މެޗްގައި ދެވަނަ ފަހަރަށް ކުލަބް އީގަލްސްއަށް ކުރި ހޯދާދިނީ، މިދިޔަ އަހަރު ޓީސީއަށް ކުޅުނު އަހުމަދު ޒާދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ލިބުނީ ޒާދުއަށެވެ. މެޗަށްފަހު ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ބުނީ، މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށާއި، ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

"ޒުވާންކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ، ހާއްސަކޮށް ޒާދުގެ ކުޅުމާ މެދުވަރަށް ހިތްހަމަޖެހޭ. މީގެ އުފަލަކީ ޒުވާން ކުޅުންތެރިންނާއެކު ނިކުމެ ރަގަނޅު ނަތީޖާއެއް ނެރުން. ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން ގޮވައިގެން ނިކުމެ މެޗް ކާމިޔާބު ކުރުމަށްވުރެ، ޒުވާން ކުޅުންތެރިން ގޮވައިގެން މެޗް ކާމިޔާބު ކުރުމުން މާހިތްހަމަޖެހޭ." ސާންތި ބުންޏެވެ.

ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، މެޗުން ބަލީވީ ޓީސީއަށް ރަނގަޅަށް ނުކުޅެވިގެންކަމަށާ މިއީ ޓީސީގެ ކުޅުންތެރިނަށް ލިބުނު ފިލާވަޅަކަށްވެސް ވެގެންދާނެކަމަށެވެ. މެޗްގެ ކުރިންވެސް މިއަހަރުގެ ސީޒަނަކީ ފަސޭހަ ސީޒަނެއް ނޫންކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެކަމަށެވެ.

"މެޗްގައި ޓީސީއަށް ރަނގަޅަށް ނުކުޅެވުނީ، މިމެޗުން ވަރަށް ބައިވަރު ކަންތައްތަކެއް ފެނިގެންދިޔަ، ރަނގަޅު ކުރުމަށް. އަދި ކުރިއަށް ހުރި މެޗުތަކުގައި އެކަން ރަގަނޅު ކުރުމަށް ވަރަށް ބޮޑަށް ވިސްނާނަން. މެޗްގެ ކުރިން ކުޅުންތެރިންނަށްވެސް ވަނީ ވަރަށް ރަނގަޅަށް ވިސްނަދީފަ، މިފަހަރުގެ ސީޒަންއާ އެއްވެސް މެޗްއެއް ފަސޭހަ ނުވާނެކަން." ނިޒާމް ބުންޏެވެ.

ލީގު މެޗެއް ދެން ކުޅޭނީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެދުވަހު ހަވީރު ވާދަކުރާނީ މާޒިޔާއާއި ބީޖީ ސްޕޯޓްސް ކުލަބެވެ.