މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26ވަނަ ދުވަހުގެ ކުރިން ދޫކުރާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާގެ މަސްވެރިންނަށް ނުދީ ހުރިކަން ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.
މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާކުރުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް މިމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.
ވަޒީރު ވިދާޅުވީ، ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުން ފެށިގެން މިހާތަނަށް މިފްކޯއިން 18907 ޓަނުގެ މަސް ބޭރުކޮށްގެން 395 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް މިހާތަނަށް 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 100 މިލިއަން ރުފިޔާ ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26ގެ ކުރިން ދެއްކުމަށް މި މަސައްކަތްކުރަނީ، އަދި ހުރިހާ ފައިސާއެއް މާރޗުމަހުގެ 5ގެ ކުރިން ދޭނަން، އޭގެފަހުން ހަފްތާއިން ހަފްތާއިން ފައިސާ ދޫކުރުމަށް މަސައްކަތްކުރާނަން،" ޝިޔާމު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެކުންފުނީގެ ކާރުޚާނާތައް އަޕްގްރޭޑުކުރަން ޖެހިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިފްކޯއަށް މިހާރުވެސް މަސް ގަންނަމުންދަނީ ގެއްލުމުގައި ކަމަށެވެ.
" މިހާރު މިފްކޯއަށް 20 ރުފިޔާއަށް މަސްގަނެގެން މަސް ބެހެއްޓުމަށްދާ ޚަރަދާއި ބޭރުކުރަންދާ
ޚަރަދަށް ބަލާއިރު، 6 ރުފިޔާ ގެއްލުމުގައި މިކަން މި ކުރަނީ،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
މަސްވެރިން މަހަށް ނިކުތުން މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވަނީ މަސްވެރިން މަހަށް ނިކުތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަސްވެރިންނަށް ގަވާޢިދުން ފައިސާ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.