ޚަބަރު

"ދިމާވާ ކުއްލި ޙާލަތްތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އިޖާބަދޭން ޖެހޭ"


  • ފަސްޓް ރެސްޕޮންޑަރސް ފޯރަމް މިއަދުވަނީ ނިންމާލާފައި

  • މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ފޯރަމެއް

  • ކުއްލި ހާލަތްތަކަށް އިޖާބަދޭއިރު ޢަމަލުކުރާ ގޮތްތައް ހިއްސާކޮށްފައިވޭ

  • މުއައްސަސާތައް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވި ފަސްޓް ރެސްޕޮންޑަރސް ފޯރަމް ނިންމާލައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިސްނަގައިގެން ބޭއްވި މިފޯރަމަކީ ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއްވެ، އެފަރާތްކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޑިވެލޮޕްމަންޓް އެންޑް ރެޒިލިއަންސް އޮފިސަރ ޢައިޝަތު ޝިއުނާ ވިދާޅުވީ މި ފޯރަމް ހިންގީ ދިމާވާ ކުއްލި ޙާލަތްތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

ފޯރަމް ބޭއްވުމުގެ ބޭނުމަކީ ކާރިސާތައް ހިނގާ ހާލަތްތަކުގައި އެކި މުއައްސަސާތަކުން ހަރަކާތްތެރިވާ ގޮތް ހިއްސާކޮށް، ހާދިސާތަކަށް އިޖާބަދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފޯރަމްގެ ތެރެއިން މުއައްސަސާތައް ގުޅިގެން ކުރެވިދާނެ ކަންކަމާއި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

"މި ފޯރަމްގެ ބޭނުމަކީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި އެކި މުއައްސަސާތަކުން ހަރަކާތްތެރިވާ ގޮތަކީ ކޮބައިކަން އެހެން މުއައްސަސާތަކަށް ހިއްސާކުރުމަށާއި [ކުއްލި ހާދިސާތަކަށް] އިޖާބަދިނުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ހައްލު ހޯދޭނެ ކަންކަމާމެދު މަޝްވަރާކުރުން." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތްތާގައިވެސް މިފަދަ ފޯރަމްތައް ބޭއްވުން ކަމަށެވެ.

މި ފޯރަމްގައި ބައިވެރިވި ބައެއް މުއައްސަސާތަކުންވެސް ވަނީ ފޯރަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ހިއްސާކޮށްފައެވެ. އެ ފަރާތްތަކުން ބުނީ ފޯރަމްގެ ސަބަބުން ކުއްލި ޙާލަތްތަކުގައި އެކި މުއައްސަސާތަކުން ޢަމަލުކުރާ ގޮތް ހިއްސާކުރުމަށް ފަހި ފުރުޞަތެއް ހުޅުވިގެން ދިޔަ ކަމަށެވެ. އަދި ހުޅުވާލެވިގެން ސުވާލުކުރެވޭ ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްގެންދިޔުމުން މަޝްވަރާކުރުމަށް ފަހި މާޙައުލެއް ފޯރަމްގެ ތެރެއިން ލިބުނުކަމަށްވެސް މުއައްސަސާތަކުން ބައިވެރިވި ފަރާތްތަކުން ބުންޏެވެ.

"ކުއްލި ޙާލަތްތަކުގައި ދިމާވާ ކަންތައްތަކުގައި ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރުދުންނާއި ޖަމިއްޔާތައް ގުޅިގެން އިޖާބަދޭން މިޖެހެނީ. މިގޮތުން ކުއްލި ޙާލަތްތަކަށް އިޖާބަދޭއިރު، ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް މިފަދަ ފޯރަމަކުން ވަރަށް ގިނަ ފައިދާތަކެއް ވާނެ." ފުލުހުންގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތްތައް ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހަރުދަނާކުރުމާއި ގުޅޭގޮތުން ރެސްޕޮންޑަރސް ފޯރަމްގެ ތެރެއިން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މިފޯރަމް މިއަހަރު ބޭއްވީ ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިސްނަގައިގެން ޔޫއެސްއެއިޑާއި އޭޝިއަން ޑިޒާސްޓަރ ޕްރިޕެއަރޑްނަސް ސެންޓަރާއި ދިވެހި ރެޑް ކްރެސެންޓްގެ އެހީތެރިކަމާއެކުގައެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ ފޯރަމެވެ. މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފާއި މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ދިވެހި ރެޑް ކްރެސެންޓް ފަދަ ތަންތަނުން ބައިވެރިވެއެވެ.