މެމްބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނެސްފައިވަނީ މަޖިލީޙުގެ ޤަވާއިދު ހެދުމަށް މެންބަރުންނަށް ލިބިދީފައިވާ ބާރުގެ ބޭރުންކަމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މި މައްސަލާއިގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ 5 ފަސްފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ މި މައްސަލައަކީ ދަޢުވާ ލިބޭ ފަރާތެއް ނެތް ގޮތަށް ކުރިއަށްގެންދިޔުމަށް އެދި ބަންޑާރަ ނައިބުގެ ފަރާތުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ދައުވާ ރައްދުވާ ފަރާތެއް ނުވާގޮތަށް ކުރިއަށްގެންދެވިދާނެ މައްސަލައެއްކަމަށް މަޖިލީހުން ޤަބޫލުކުރައްވާކަމަށް ވިދާޅުވެ މަޖިލީހުން ބަންޑާރަ ނައިބަށް ފޮނުއްވާފައިވާ ސިޓީއެއްގެ ކޮޕީއެއްވެސް ލިބިފައިވާކަމަށް ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ކުރިއަށްދާނީ ދަޢުވާ ލިބޭ ފަރާތެއް ނުވާގޮތަށްކަމަށް ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް ވިދާޅުވީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުން އެކުލަވާ މަޖިލީހުގެ ގަވާއިދު އެކުލަވާލަންވާނީ ޤާނޫނުއަސާސީއަށް ތަޢާރުޒުނުވާގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މަޖިލީހުން ޖުމްލަ މެންބަރުންގެ އަދަދު ކަނޑައަޅާނެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކާއ ގުޅިގެން ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މަޖިލީހުން ޖުމްލަ މެންބަރުން މާނަކުރާ ގޮތް ބަދަލުވެފައިވާކަމަށް ފާޠިމަތު ޙަލީމް ވިދާޅުވިއެވެ.
ފާޠިމަތު ޙަލީމް ވިދާޅުވީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ޤާނޫނާއި ގަވާއިދުތައް ހަދަންވާނީ ޤާނޫނުއަސާސީއާ ޚިލާފު ނުވާގޮތަށް ބަޔާންކޮށްފައިވީހިނދު، މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހގެ ދަށުން ގަވައިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ޤަބޫލުކުރާ ކަމަށެވެ.
"ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއާ ރިޢާޔަތްކުރާއިރުގައި މަޖިލީހުގެ ޖުމްލަ މެންބަރުން ގުނޭގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހގެ ދަށުން ގަވައިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ޤަބޫލުކުރެވިގެން ބަންޑާރަ ނައިބުގެ ފަރާތުން ހުށައަޅާފައިވާ މައްސަލަ" ޙަލީމް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް އިއްވުންކަމަށެވެ.
މިދިޔަ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދުގެ 49 ވަނަ ކ، އ އަދި ވ އަށް އިސްލާހުތަކެއް ގެނައުމާއި ހަމައަށް، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ބަލާފައިވަނީ ހުސްވެފައިވާ ގޮނޑިތައްވެސް ހިމަނައިގެން، މަޖިލީހަށް އިންތިހާބުކުރާ ޖުމްލަ މެމްބަރުންގެ އަދަދަށެވެ. ނަމަވެސް ޤަވާއިދަށް ގެނައި އިސްލާހުތަކުގައި މިހާރު ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެމްބަރުންކަމުގައި ދެމިތިބި މެމްބަރުންގެ ޖުމްލަ އަދަދަށްކަމަށެވެ. އަދި މެމްބަރުންގެ ޖުމްލަ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ އެއްވެސް އިންތިހާބީ ދާއިރާއެއް ނުގުނޭނެކަމަށްވެސް އިސްލާހުގައިވެއެވެ.
ބަންޑާރަނައިބު ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގާ ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއްވެސް ނެރުއްވާފައެވެ.