ޚަބަރު

މިއަހަރުގެ މިހާތަނަށް 124 ފަރާތަކަށް އިތުރު ފުރުޞަތު ދީފައިވޭ


" ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލު " ގެ ދަށުން 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު 124 ފަރާތަކަށް އިތުރު ފުރުޞަތު ޕްރެސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފުރަތަމަ ތިން މަސްދުވަހުގެ ކުއާޓަރލީ ރިޕޯޓުގައެވެ. 

"ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލު" ގެ ދަށުން 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ޖުމްލަ 211 ފަރާތެއްގެ މައްސަލާގައި އިތުރު ފުރުޞަތު ކޮމިޓީއަށް ހުށައެޅިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ފުރުޞަތު ދެއްވި 124 ފަރާތަކާއި، ފުރުޞަތު ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް ނިންމެވި 86 ފަރާތެކެވެ. މީގެތެރެއިން އެއްވެސް ގޮތަކަށް ފުރުޞަތު ނުދެއްވުމަށް ނިންމަވާފައިވަނީ، ޓެރަރިޒަމްގެ މައްސަލަތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެވޭ ކުށްތަކާއި، މަޤުބޫލު ސަބަބެއް ނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމާއި، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުން ފަދަ މައްސަލަތަކެވެ.

ފުލުހުންނާ ދެކޮޅަށް ކުރެވޭ ކުށްތަކުގެ ގޮތުގައި 64 މައްސަލައެއް އިތުރު ފުރުޞަތު ކޮމިޓީއަށް ބައްލަވައި 47 ފަރާތަކަށް ވަނީ ފުރުޞަތުދެއްވާފައެވެ. ނަފްސާ ދެކޮޅަށް ކުރެވޭ ކުށްތަކުގެ ގޮތުގައި 61 މައްސަލަ ހުށައެޅި އޭގެތެރެއިން 41 ފަރާތަކަށް އިތުރު ފުރުޞަތު ވަނީ ކޮމެޓީން ދެއްވާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ޕީ.ޖީ އޮފީހަށް ޖުމްލަ 1267 މައްސަލަ އަލަށް ހުށަހެޅިފައިވާއިރު، އޭގެތެރެއިން 378 މައްސަލާގައި މިކުއާޓަރ ނިމުމުގެ ކުރިން ގޮތެއް ނިންމަވާފައިވެއެވެ. 889 މައްސަލައަކީ މިކުއާޓަރ ނިމުނުއިރު ދަޢުވާކުރުމާމެދު ވަކިގޮތެއް ނިންމަވާފައި ނުވާ މައްސަލައެވެ. މިމުއްދަތުގެ ތެރޭގައި ނިމިފައިވާ 378 މައްސަލައަށް ފިޔަވަޅު އަޅާފައިވާ ގޮތަށް ބަލާއިރު، ދަޢުވާކުރެއްވުމަށް ނިންމަވައި، 283 މައްސަލަ ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ. 42 މައްސަލަ އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުއްވާލައްވާފައިވާއިރު، 5 މައްސަލައަކީ ހެއްކާއި ޤަރީނާ ނެތިގެން އަނބުރާ ފޮނުއްވާލައްވާފައިވާ މައްސަލަތަކެވެ.

ތަޙްޤީޤީ އިދާރާތަކުން ޕީ.ޖީ އޮފީހަށް މައްސަލަ ހުށަހެޅުއްވި ގޮތަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް ޖުމްލަ 1267 މައްސަލަ ހުށަހަޅުއްވާފައިވެއެވެ. މީގެތެރެއިން 1262 މައްސަލަ ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އެންޓި- ކޮރަޕްޝަން ކޮމިޝަނުން 5 މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ.

ޕުރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގައި 2015 ވަނަ އަހަރުގެ ނިޔަލަށް ނުނިމި ހުރި، އޭގެ ކުރީގެ އަހަރުތަކުގެ މައްސަލަތަކުގެ ތެރެއިން 1417 މައްސަލައެއް މިދިޔަ 3 މަސްދުވަހުގެ ތެރޭގައި ނިންމަވާފައިވެއެވެ. މިމައްސަލަތަކުގެ ތެރެއިން ދަޢުވާކުރުމަށްޓަކައި 569 މައްސަލައަކާއި، ހެއްކާއި ޤަރީނާ ލިބިފައި ނުވާތީ އަނބުރާ ފޮނުވާލައްވާފައިވާ 189 މައްސަލައާއި، އެކިސަބަބުތަކާ ހުރެ މަޞްލަޙަތު ނެތުމުން އަނބުރާ ފޮނުއްވާލެއްވި 388 މައްސަލައާއި، އަލުން ހުށަހެޅުއްވުމަށްޓަކައި އަނބުރާ ފޮނުވި 223 މައްސަލަ ހިމެނެއެވެ.