ކާރިސާތަކުގައި މެދުނުކެނޑި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޖަޕާނުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރާ ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ޕްރޮޖެކްޓަށް ޖަޕާނުން ގާތްގަޑަކަށް 3.5 މިލިޔަން ޑޮލަރުގެ އެހީއެއްދީފިއެވެ.
ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކް ނުވަތަ ޑީޓީޓީބީއަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫޢެކެވެ.
ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކަށް ޖަޕާނުން ދިން 3.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ޚާރިޖީ ވުޒާރާގައެވެ. މިއެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވާ ޤައުމެއްކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުން މިކަން ދޭހަވާ ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ޕްރޮޖެކްޓުތަކަށް ޖަޕާނު ސަރުކާރުން ވެދެއްވާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް އެރުވުން." ވަޒީރު ވިދާޅުވިއެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖެއާއެކު ވެވޭ ފުރަތަމަ އެއްބަސްވުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން 3 ލައްކައަށްވުރެ ގިނަ މީހުންނަށް، ކާރިސާތަކާއި ހާދިސާތަކުގެ ދަނޑިވަޅުތަކުގައި ޚަބަރާއި މަޢުލޫމާތު ލިބިގަތުމަށް ފަސޭހަވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
"މިސަރުކާރު ހަވާލުވުމަށްފަހު މިއީ ޖަޕާނާއެކު ވެވޭ ފުރަތަމަ އެއްބަސްވުން. މި އެއްބަސްވުމުން ދެ ޤައުމުގެ ގާތް ގުޅުން ދޭހަކޮށްދޭ. މި ޕްރޮޖެކްޓުން 3 ލައްކައަށްވުރެ ގިނަ މީހުންނަށް ކާރިސާތަކާއި ހާދިސާތައް ދިމާވާއިރު ރަށްރަށުގައި ތިބެގެން ޚިދުމަތް ނުކެނޑި ޚަބަރާއި މަޢުލޫމާތު ލިބިގަނެވޭ ނިޒާމެއް ޤާއިމުކުރުމުގައި ފަސޭހަވާނެ." ޓަކެއުޗީ މިޑޯރީ ވިދާޅުވިއެވެ.
ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޚިދުމަތް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022ވަނަ އަހަރުއެވެ. މިނިޒާމަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، އާއްމުންނާއި ހަމައަށް އަވަހަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކުރާ ނިޒާމެކެވެ.
ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މިޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއެވެ. މިޚިދުމަތް މިއަހަރުގެ ތެރޭގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީއެސްއެމުންވަނީ ބުނެފައެވެ. މިނިޒާމު ރާއްޖޭގެ 20 އަތޮޅުގައި ޤާއިމުކުރާނެއެވެ.
މިޕްރޮޖެކްޓްގެ ބޭނުމަކީ ކުއްލި ޙާލަތްތަކުގައި އެކަމާ ގުޅޭ މަޢުލޫމާތު އެލަރޓްގެ ގޮތުގައި ޓީވީއާއި ޑިޖިޓަލް ވަސީލަތްތަކަށް ފޮނުވުމާއި، އަދި މުހިންމު ޢާއްމު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ވަގުތުން ވަގުތަށް ފޮނުވޭނެ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމުކުރުމެވެ. މިޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅުގައި ޓްރާންސްމިޓިން ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ޕީއެސްއެމުން ވަނީ ފަށާފައެވެ. މިނިޒާމުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ %92 ކަވަރުކުރާނެއެވެ. އަދި 2025ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް މިނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މުޅިން ނިންމާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ޖަޕާންގެ ގްރާންޓް ޕްރޮޖެކްޓްގައި މިޚިދުމަތް ނުލިބޭ ސަރަޙައްދުތަކަށް، ސަރުކާރުގެ އެހީގައި މިނިޒާމު ޤާއިމުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.