ޚަބަރު

ކޮލަމާފުށީގައި ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގައިދޭނަން: ރައީސް


  • ރައީސް ވިދާޅުވީ ކޮލަމާފުށީގައި ސިޓީ ހޮޓާ ތަރައްޤީ ކުރައްވާނެކަމަަށް

  • އިކޮނޮމިކް ކައުންސިލްތެރެއިން މަސައްކަތް އަވަސްކުރައްވާނެކަމަށް ވިދާޅުވި

  • ރައީސް ވިދާޅުވީ ޕްރޮޖެކްޓް ކުރިއަށްގެންދާނީ ޑިވެލޮޕަރ ފައިނޭންސް މޮޑެލްއަށް

ގދ.ކޮލަމާފުށީ ފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޯޑު މަޝްރޫޢެއް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކޮލަމާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ ކޮލަމާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަށުގެ ތަރައްޤީއާއި ގުޅޭގޮތުން ކައުންސިލާއި ރައްޔިތުން ހުށައެޅި މަސައްކަތްތައް ކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ކޮލަމާފުށީ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގަވައި ދެއްވާނެކަމަށެވެ. އެގޮތުން ސިޓީ ހޮޓަލެއް ޤާއިމްކުރައްވައި ފަތުރުވެރިކަމާއި ގުޅޭ އިތުރު ވިޔަފާރިތައް ގެންނަވާނެކަމަށެވެ. މިއީ ރަށުގެ އާބާދީ ރަށުގައި ހިފަހައްޓާ، ރަށުގައި ތިބެގެން އާމްދަނީ ލިބި ފުދުންތެރި ރަށަކަށް ކޮލަމާފުށި ހެދުމަށް ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުުރައްވާފައެވެ. ރައީސް ވިދާޅުވީ މިކަމާގުޅޭ މަސައްކަތްތައް އިކޮނޮމިކް ކައުންސިލްގެ ތެރެއިން އަވަސްކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ގއ.ވިލިނަގިލީގައި ސަރުކާރުން ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަޕޯޓާއެކު، އެ އަތޮޅުގަައި ރަނގަޅު ޑޮމެސްޓިކް އެއަރޕޯޓެއް އޮތުމަކީ މުހިންކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ރައީސް ވިދާޅުވީ ސަރަޙައްދުގައި ފަސޭހައިން ވައިގެ ދަތުރު ކުރެވޭނެ ކަނެކްޓިވިޓީއެއް ޤާއިމުކުރައްވާނެކަމަށެވެ.

"މިރަށުގެ ފަޅު ތެރޭގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ތަރައްޤީކުރާނަން. އިކޮނޮމިކް ކައުންސިލްގެ ލަފައާއެކު މަސައްކަތްތައް ކުރިއަށްގެންގޮސް، އިންވެސްޓަރުން ހޯދާ ވީހާވެސް އަވަހަށް މިރަށުގައި ޢަމަލީ މަސައްކަތް ކުރިއަށްގެންގޮސް ޕްރޮޖެކްޓް ހަގީގަތަކަށްވާތަން ފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކޮލަމާފުށީގެ ބިންވެސް ހިއްކަވައިދެއްވާނެކަމަށެވެ. އަދި ސިއްޙީ މަރުކަޒަށް ޑޮކްޓަރުން އިތުރުކޮށްދެއްވާނެ ކަމަށާއި، ރަށުގެ ބަނދަރުގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ރަށަށް ކުރިމަތިވާ ކަރަންޓުގެ މައްސަލައަށްވެސް އެކަށީގެންވާ ޙައްލެއް ގެންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.