ޚަބަރު

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް މި އަހަރު ތެރޭގައި ހުޅުވިގެންދާނެ: ސަޢީދު


  • މިއީ ރައީސް ޑރ. މުޢިއްޒުގެ އަމާޒުފުޅެއް

  • މިކަމާއި ގުޅޭ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ދަނީ ކުރެވެމުން

  • ބޭރުގެ އިންވެސްޓަރުންނާއި ވާހަކަދެކެވެމުންދާކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް މި އަހަރު ތެރޭގައި ހުޅުވިގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނަކާއި ލީސިންގ ސްކީމެއް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުފުޅެކެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލްތައް ޙިއްޞާކުރައްވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށްޓަކައި ބޭރުގެ ވިޔަފާރިވެރިންނާ ވާހަަކަދައްކަވަމުންދާ ކަމަށެވެ.

"އަޅުގަނޑު އެ އަމާޒު ޙާޞިލްކުރާނަން، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި އެ ބޭންކު ހުޅުވާނަން، މި ކަމާއި ގުޅޭ މަސައްކަތްތައް ވަރަށް ބާރަށް ކުރެވެމުން ދަނީ، ބޭރުގެ ވިޔަފާރިވެރިންނާއި ވާހަކަދައްކަމުން ދަނީ، އިންވެސްޓުކުރުމަށް ވާހަކަދައްކަވަމުން މި ދަނީ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނީ ޑިވެލޮޕްމަންޓު ބޭންކެއް ރާއްޖެއަށް ގެނެވިގެން ކަމަށެވެ. "ރާއްޖޭގެ މިހިރަ 6 ބޭންކުން މިސާލަކަށް، ޓޫރިޒަމް އަދި ޑިވެލޮޕްމަންޓު ސެކްޓަރތަކަށް ދޫކޮށް، މިހާރު އޮތް ލެވަލް އިން، އިތުރަށް ކުރިއަށްދެވޭނީ ޑިވެލޮޮޕްމަންޓުން ބޭންކަކާއި އެކު،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވަނީ ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކާ ވިޔަފާރީގެ މުހިންމު މަންޒިލަކަށް ރާއްޖެ ހެދުމުގެ އަމާޒު ސަރުކާރުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމާއި ބައިނަލްއަޤްވާމީ ބޭންކިންގެ ޚިދުމަތް ފުޅާކުރުން އެއީ އަމާޒެއް ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މާލެ އަތޮޅު ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރާ ފެސިލިޓީ އެހެން ސަރަހައްދަކަށް ބަދަލުކޮށް އެ ތަނުގައި ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރައްވާނެ ކަމަށެވެ. އެ ކަން ފަހިކުރުމަށްޓަކައި ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާރވިސަސް އޮތޯރިޓީ އުފައްދާފައިވާކަން ރައީސް ވަނީ ފާހަގަކުރެއްވާފައެވެ.