ތިމާވެށްޓާ ގުޅޭ ދާއިރާއިން ކިޔެވުމަށް 15 ކުއްޖަކަށް ސްކޯލަރޝިޕްދިނުމުގެ ފަހުމުނާމާއެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ސްކޯލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން އަލަށް މިއަހަރަށް އެމްއެންޔޫއިން ތަޢާރަފްކުރި އެޑްވާންސްޑް ސެޓްފިކެޓް އިން އެންވަޔަރަންމަންޓް މެނޭޖްމަންޓް ކޯސް ކިޔަވަން ބޭނުންވާ ކުދިންނަށް ކަމަށެވެ.
މިސްކޯލަރޝިޕް ދިނުމުގެ ފަހުމުނާމާގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ލެކްޗަރަރ ވަދީއާ ތައުފީޤެވެ. އަދި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރެވެ.
ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ ވަދީއާ ތައުފީޤް ވިދާޅުވީ "އެޑްވާންސްޑް ސެޓްފިކެޓް އިން އެންވަޔަރަންމަންޓް މެނޭޖްމަންޓް"ގެ ނަމުގައި ކޯހެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ ތިމާވެށީގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް، ކިޔެވޭނެ ފުރުޞަތު މަގުފަހިކުރުން ކަމަށެވެ.
"މި ކޯހުގެ މައިގަނޑު އެއް މަގުސަދަކީ ކޯހުގެ ބައިވެރިންގެ ކިބައިގައި ތިމާވެށި ބެލެހެއްޓުމުގެ ހުނަރު އަށަގެންނެވުމާއި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން." ވިދާޅުވިއެވެ.
ވަދީއާ ވިދާޅުވީ މިހާތަނަށް އައިރު ކޯހުގައި ބައިވެރިވުމަށް 18 ކުއްޖަކު ރަޖިސްޓްރީވެފައިވާ ކަމަށާއި، އޭގެ ތެރެއިން 15 ކުއްޖަކަށް ސްކޯލަރޝިޕް ދެވޭނެ ކަމަށެވެ. އަދި ކޯސް ކިޔަވައިދޭނީ އޮންލައިންކޮށް އެއް އަހަރުގެ މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ކޯހުގައި2 ސެމިސްޓަރއަކަށް ބަހާލައިގެން 4 ސަބްޖެކްޓް ކިޔަވައިދޭނެކަމަށް ވަދީއާ ވިދާޅުވިއެވެ.
މި ސްކޯލަރޝިޕްތައް ދެނީ "އެންދެރި" ޕްރޮޖެކްޓުގެ ދަށުންނެވެ. އެންހޭންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.