ޚަބަރު

ހަނިމާދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފި


  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވި

  • ރައީސް ވިދާޅުވީ ކައުންސިލުން އެދުނު ކަންކަމަށް އިޖާބަދެއްވާނެކަމަށް

ހަނިމާދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށް، ކައުންސިލުން އެދިވަޑައިގެންފިއެވެ.

ހަނިމާދޫ ކައުންސިލުން މިގޮތަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ހަނިމާދޫގައި ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށް ޚިދުމަތް ދޭން ބޭނުންވާކަމަށާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބޭނުންވާކަމަށާއި، ބްލަޑް ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިއުން ހިމެނެއެވެ. އަދި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެގޮތް ހަމަޖައްސައިދެއްވުމަށާއި، ޒަމާނީ ފެންވަރަށް މަގުހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ބެންކުގެ ޚިދުމަތް ގާއިމު ވުމާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ހަނިމާދޫގެ އެއަރޕޯޓް އަދި ފުލުހުންގެ ޚިދުމަތްދިނުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައިސާ ހިއްސާކޮށްފައެވެ.

ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ރަށުގެ މަސްވެރިންނަށް ޚާއްޞަކޮށް، މަސްކިރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި، ރަށުގައި ބޭސް ލިބުމަށްހުރި ކަންބޮޑުވުންތައްވެސް ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.