ޚަބަރު

ނެއްލައިދޫގެ އިހްތިސާސްގައި ހިރިނައިދޫ ހިމަނައިދޭނަން: ރައީސް


  • ރައީސް ވިދާޅުވީ ރަށުގައި ތިބެގެން ކުރާ ވިޔަފާރި މަރކެޓް ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމުކުރައްވާނެކަމަށް

  • ރައީސް ވިދާޅުވީ ނެއްލައިދޫއަށް ދޭ ފަޅުރަށާއެކު ރަށުގެ އިޤްތިޞާދު ކުރިއަރާނެކަމަށް

  • ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވާނެކަމަށްވެސް ރައީސް ވިދާޅުވި

ނެއްލައިދޫގެ އިޤްތިޞާދު ކުރިއެރުވުމުގެ މަސައްކަތަށް، އެ ރަށް ކައިރީ އޮތް ހިރިނައިދޫ ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެއްލައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނެއްލައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށާއި ސަރަޙައްދުގައި ތިބެގެން އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދެއްވުމުގެ ގޮތުން ރަށުގައި ތިބެގެން ވިޔަފާރީގެ ބޭނުމަށް އުފައްދާ ތަކެތި، އޮންލައިންކޮށް މާކެޓްކޮށް ވިއްކޭނެ ޒަމާނީ ޕްލެޓްފޯމެއް ސަރުކާރުން ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން އުފައްދާ ވެލިއު-އެޑެޑް ޕްރޮޑްކްޓްތައްވެސް އެ ޕްލެޓްފޯމްގެ ތެރެއިން ވިއްކޭނެ ގޮތް ފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނެއްލައިދޫގެ ކައުންސިލާއި ރައްޔިތުން އެދޭގޮތަށް އެ ރަށް ކައިރީގައި އޮތް ފަޅު ރަށެއްކަމަށްވާ "ހިރިނައިދޫ"އަކީ ނެއްލައިދޫ ކައުންސިލްގެ ދަށުގައި އޮންނަ ތަނަކަށް ހަމަޖައްސައިދެއްވާނެކަަމަށެވެ. އަދި މިކަމުގެ އިދާރީ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތަކުގެ މަސައްކަތް ކައުންސިލުން ވީހާވެސް އަވަހަށް ކުރިއަށްގެންގޮސް، މިކަން ޙަޤީގަތަކަށް ހެދުމުގެ މަސައްކަތް ފެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ދޮރުތައް ހުޅުވާނެކަމަށެވެ.

"ހިރިނައިދޫ ކިޔާ ފަޅު ރަށް މި ރަށަށް ހަމަޖައްސައިދޭނަން. އޭރުން ޒުވާނުނަށް ކުދި ވިޔަފާރިތަކަށްވެސް ފުރުޞަތު ލިބޭނެ. ރަށަށް އާމްދަނީ އިތުރުވާނެ. ކައުންސިލުން މިކަމާއި ގުޅޭ ޕްރޮޕޯސަލް ހުށައެޅުމާއެކު މިކަން ހަމަޖައްސައިދޭނަން. މިއީ މުޅި ރަށަށް މުހިންމު މަސައްކަތަކަށްވާނެކަން ޔަގީން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢުއެއްވެސް ހިންގަވައިދެއްވާނެކަމަށެވެ. މީގެއިތުރުން ބަނދަރުގައި ޑިންގީ އެޅުމަށް ޚާއްސަ ސަރަޙައްދު ހަދައިދިނުމާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި އަދި ރަށުގައި އައު މިސްކިތެއްވެސް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.