ޚަބަރު

ބާރަށު ކާނިގަހުގައި ރޯކޮށްލި މައްސަލައަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ: އާދަމް ޝަރީފް


  • އާސާރީ ތަކެއްޗަށް ގެއްލުން ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި

  • ބާރަށު ކައުންސިލުން ވިދާޅުވީ ގަހުގެ ބޮޑު ބައެއް އަދާފައިވާ ކަމަށް

  • ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް

ރާއްޖޭގައި ހުރި ތާރީޚީ އަދި އާސާރީ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ޖީނާޢީ މައްސަލައެއްގެ ގޮތުގައި ތަހްޤީގު ކުރަން ޖެހޭ ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ. ބާރަށުގައި ހުންނަ 400އަށްވުރެ ގިނަ އަހަރުވީ ކާނި ގަހުގައި ބަޔަކު ރޯކޮށްލުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބާރަށު ކައުންސިލްގެ މެންބަރު އަލީ ޝަމީމް ވިދާޅުވީ ބާރަށު ކާނި ގަހުގައި ބަޔަކު ރޯކޮށްލިކަން ކައުންސިލަށް އެނގުނީ ރޭ 3:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެވަގުތު އެތަނަށް ދިޔައިރު ޢާންމުންނާއި ފުލުހުން އެތަނުގައި ތިބިިކަމަށެވެ. އާއްމުންނާއި ކައުންސިލާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 7 ޖަހާ އެހާކަށްހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި ގަހުގެ ބޮޑު ބައެއް އަދާފައިވާ ކަމަށާއި، ނެތިގެން އެ ދިޔައީ ރަށުގެ ވަރަށް މުހިންމު ތަރިކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބާރަށު ކާނި ގަހަށް މިހާރު 400އަށްވުރެ ގިނަ އަހަރު ވެފައިވާ ކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަލީ ޝަމީމް ވިދާޅުވީ ގަހުގައި ރޯކޮށްލީ ކޮން ބައެއްކަމެއް އަދި ރޯކޮށްލި ސަބަބެއްވެސް ނޭނގޭކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހއ. ބާރަށު ހިމާޔަތްކޮށްފައިވާ ކާނި ގަހެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލަ ރޭ 3 ޖަހާ އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ހއ. ބާރަށުގެ ޒަމާންވީ ކާނިގަހަކީ އެރަށު ޢީދުކުޅޭ މަގުގައި ހުންނަ ގަހެކެވެ. މިގަހަކީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި މުޙައްމަދު ތަކުރުފާނު ބޭނުންކުރެއްވި އޮޑި ކަމަށްވާ ކަޅުއޮށްފުންމި އަލަށް ބަދެގެން ފަނު ރިޔާ ފެއްސެވުމަށް ޖެއްސެވި ކާނި ކަޑައިގެތެރެއިން އެއް ކަޑައިން ފަޅާފައިވާ ގަހެއްކަމަށް ތާރީޚީ ޢިލްމުވެރިން ވިދާޅުވެއެވެ.