ޚަބަރު

މަތިކޮމަންޑުއާއި ކޮަމަންޑޫ ގުޅާލައި ޕްރޮޖެކްޓް މިއަހަރު މުޅިން ނިންމަން މަސައްކަތްކުރާނަން: ރައީސް


  • ދެ ރަށް ގުޅާލުން ކުރިއަށް ގެންދިޔައީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫންކަމަށް

  • ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް ދެއްވާނެކަމަށް ވިދާޅުވި

  • ރަށް ކައިރީ އެއަރޕޯޓެއްވެސް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވި

މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ނިންމުމަށް މަސައްކަތްކުރައްވާނެކަމަށާއި ކޮމަންޑޫ ކައިރީ އޮތް ފަޅުރަށް "ދިގު ވެލިދޫ"ގައި އެއަރޕޯޓް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫއަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކުގައިކަމަށެވެ. ރައީސް ވިދާޅުވީ ރަށްކައިރިން ހިއްކާފައިވާ މަތިކޮމަންޑޫ ރަށާއި ގުޅާލުމުގެ މަސައްކަތްވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތްކަމަށެވެ. އަދި ދެ ރަށް ގުޅާލާ ބްރިޖްގެ މަސައްކަތް ފަރުމާކޮށްފައިވަނީ ވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު، ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

"ރައްޔިތުން ބޭނުންވާގޮތަކަށް ނޫން އެ މަސައްކަތް ދަނީ. ކައުންސިލާވެސް މާބޮޑު މަޝްވަރާއެއް ނުކުރޭ. އެ މަގު ރަށާ ގުޅާލަނީވެސް އެންމެ ރަނގަޅު ހިސާބަކުން ނޫން. އެހެންވީމަ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާކޮށް، އެންމެ ރަނގަޅުވާނެ ބަދަލުތަކާއެކު މިއަހަރު މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިމުގެ ޖާގައިގެ ދަތިކަން ކޮމަންޑޫއަށް ވަރަށް ބޮޑަށް އޮތްކަމަށެވެ. މީގެސަބަބުން ބޯހިޔާވަހިކަމާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރަހަކަށްވެފައިވާކަމަށެވެ. އެހެންކަމުން ދެވަނައަށް އެންމެ އިސްކަންދެއްވާ މަޝްރޫޢުގެ ގޮތުގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެކަމަށެވެ.

މީގެއިތުރުން ކޮމަންޑޫ ކައިރިން އޮތް ފަޅުރަށް "ދިގު ވެލިދޫ"ގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް، ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތް ފުޅާކުރުމާއި، ރަށާއި ކައިރި ހިސާބުގެ މަސްވެރިންނަށް ކޮމަންޑޫގައި އައިސްޕްލާންޓެއް ޤާއިމުކޮށްދެއްވާނެކަމަށާއި، ރަށުގެ ގޮޑުދޮށް ޙިމާޔަތްކުރުމާއި ސްކޫލް ތަރައްޤީކުރުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމަންޑޫގެ އާބާދީ ހާހަކަށް އަރައެވެ.