ޚަބަރު

ސަވާދީއްތަ ދަތުރުގެ ބައިވެރިން އީކުއޭޓަރ ހުރަސްކޮށް ދަތުރުގެ ފަހު މަންޒިލް އައްޑޫ ސިޓީއަށް


  • ދަތުރު ފަށާފައިވަނީ މިމަހުގެ 10ވަނަ ދުވަހު

  • ބޮޑު 2 ކަނޑު މިފަހަރުގެ ދަތުރުގައި ހުރަސްކޮށްފައިވޭ

  • މިއަހަރުގެ ދަތުރުގައި ދިހަ ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވޭ

ސަވާދީއްތަ ދަތުރުގެ ބައިވެރިން ޒީރޯ ޑިގްރީ ޗެނަލް ހުރަސްކޮށްފިއެވެ.

އައްޑޫއާއި ހުވަދު އަތޮޅާއި ދެމެދު އޮންނަ އީކުއޭޓަރ އަށް ނަން ދެވިފައިވަނީ "ޒީރޯ ޑިގްރީ ޗެނަލް" ގެ ނަމުންނެވެ. މި ޗެނަލް ނުވަތަ ކަނޑު، ހުވަދު އަތޮޅާއި އައްޑު އަތޮޅު ވަކިކޮށްދެއެވެ.
ސަވާދިއްތައިގެ މި ފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއެވެ.

10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާ ސަވާދިއްތަ ދަތުރު ފެށީ މާލެ އަތޮޅު ކުޑަގިރިން މި މަމުގެ 10 ވަނަ ދުވަހުއެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން ބުނީ ދަތުރުގެ ބައިވެރިންނަށް ޒީރޯ ޑިގްރީ ޗެނަލް ހުރަސްކުރުންވެގެން ދިޔައީ ހަނދާނުން ފިލުވާލަން ދަތި އުފާވެރި ދަތުރަކަށް ކަމަަށެވެ.

ޒީރޯ ޑިގްރީ ޗެނަލް ހުރަސްކޮށް ސަވާދީއްތަ ދަތުރުގެ ބައިވެރިން މިހާރު ވަނީ އައްޑޫ ސިޓީގައި ބަނދަރުކޮށްފައެވެ. އައްޑޫ ސިޓީއަކީ ދަތުރުގެ ފަހު މަންޒިލެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް އައްޑޫ ސިޓީ ހިތަދޫން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން ހަނދާނީ ލިޔުމަކަށް ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި އައްޑޫ ސިޓީ ކައުންސިލުންވަނީ ސްޓޭމްޕު ޖަހާފައެވެ.

ފަތުރުވެރިންވަނީ އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކޮށް މަޖާ ވަގުތުތަކެއް ހޭދަކޮށްފައެވެ.
މިއަހަރުގެ ސަވާދީއްތަ ދަތުރުގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގެ ޔޮޓްތަކެވެ.

ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ.ފުލިދޫގައެވެ. އެއަށްފަހު ވަނީ މ.މުއްޔަށް އަދި ލ.އަތޮޅުގެ 3 ރަށަކަށް އަދި ގއ.ކޮލަމާފުއްޓަށާއި ގދ. ހޯނޑެއްދޫއަށް ޒިޔާރަތްކޮށްފައެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ދަތުރެވެ. މިއީ ޔޮޓް ރެލީއެއް ގޮތަށް ބާއްވާ ދަތުރުގެ 3 ވަނަ އެޑިޝަނެވެ.