ޚަބަރު

މިއަދުން ފެށިގެން ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާނީ 750 ރުފިޔާ


  • ކުރިން ނަގަނީ 1060 ރުފިޔާ

  • ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ވެމްކޯއިން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ މިމަހުން ފެށިގެން ކުޑަވާނެކަމަށެވެ. އެގޮތުން މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންނަ ކުނި ޓަނަކަށް 1060 ރުފިޔާ ނެގިނަމަވެސް މިއަދުން ފެށިގެން ނަގާނީ 750 ރުފިޔާކަމަށެވެ.

އަދި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަނދަކަށް ޢާންމުންނަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާނީ 150 ރުފިޔާގެ ފީއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަގަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބްރިޖް ޤާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން ޢާންމުންގެ އުޅަނދުތަކަށް ޗާރޖުކުރާނީ ގެންނަ ކުނީގެ ޓަނަކަށް 750 ރުފިޔާކަމަށްވެސް ވެމްކޯއިން ބުންޏެވެ. އަދި މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ޗާރޖުކުރާނީ 2660 ރުފިޔާކަމަށްވެސް ވެމްކޯއިން ވަނީ ކަނޑައަޅާފައެވެ.

ވެއި ބްރިޖް ޤާއިމްވެފައި ނުވާ ފެސިލިޓީތަކުންނާއި ޢާންމު މީހުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ އުޅަދަނކަށް ނަގާނީ 750 ރުފިޔާކަމަށް ވެމްކޯއިން ބުނެއެވެ.