ސަރުކާރުގެ ވިސްނުމަކީ ރާއްޖެއަށް އީ–ވޮލެޓު ތަޢާރަފްކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައިގެން ދިވެހިންނަށް މަންފާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ޢަލީ އިޙްސާން މިހެން ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ޔޫތު ހެކަތޯނަކީ ދިވެހި ޒުވާނުން އައު އީޖާދުތައް އުފައްދާ، ނެޓްވޯރކު ކުރުމާއި، މައުލޫމާތު ބަދަހިކޮށް އަދި އައު ޚިޔާލުތަކާއި ހައްލުތައް އުފެއްދުމުގެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
މި ހެކަތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އިޖާދީ ޚިޔާލުތަކަކީ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތަކެއް ކަމަށެވެ. އަދި މި ދާއިރާއިން ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ވަޒީރު
" ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ، ތިބޭފުޅުންނަށް އީ-ވޮލެޓު ތައާރަފްކޮށްދީ، ބޭރުގެ ފަރާތްތަކަށް ސަރވިސްތައް ވިއްކައިގެން އެ ލިބޭ މަންފާ، ފައިނޭންޝިއަލް ބެނިފިޓު ޑައިރެކްޓްލީ ޖީބަށް އާދެވޭނެ މެކޭނިޒަމްތައް ވީ އެންމެ އަވަހަކަށް ތައާރަފްކުރުން، އެމަސައްކަތްދަނީ ކުރެވެމުން، ޕޭޕާލް ފަދަ ސަރވިސްތައް މެދުވެރިކޮށް ސަރވިސްތަކަށް ޕޭމަންޓު ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވަނީ ޓެކް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަންހެނުން ގިނަކަން ފާހަަގަކުރައްވާފައެވެ. އަދި މި ހެކަތޯންގައިވެސް ބައިވެރިވެފައިވާ އަންހެނުން ގިނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" ދެކެން ބޭނުންވާ ދުވަހަކީ އަލުން އަނބުރާ މެން އިން ޓެކް ހޯދަން ޖެހޭ ދުވަހަށް އައުން، އެ ވަރަށް އަންހެން ބޭފުޅުން މި ދާއިރާ ޑޮމިނޭޓުކުރަންވީ، ތިބޭފުޅުންގެ ކްރިއޭޓިވިޓީ އިނޮވޭޝަންސް އެއީ އަންލިމިޓެޑް." ޢަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ކަންކަމާއި މެދު ވިސްނާ ތަފާތު އެކި ގޮތްގޮތަށް ކަންތައް ކުރެވޭނެ ގޮތްތައް ހޯދާ އިޖާދީ ބަދަލުތައް ގެނައުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމުކަމަށެވެ.
10 ޓީމަކާއެކު ކުރިއަށްދާ މި ހެކަތޯނުގެ އެއްވަނައަށް އަންނަ ޓީމަކަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.