ޚަބަރު

ބިޒްނަސް ބޭންކިންގެ ނަމުގައި އެމްއައިބީގެ އައު ގޮތްޕެއް


  • މި ގޮފީގެ ޚިދުމަތް ދިނުމަށް ޚާއްސަ ލޮބީއެއް ވަނީ ޤާއިިމްކޮށްފައި

  • އެމްއައިބީ ބިޒްނަސް ބޭންކިންއާއެކު ޕެޓީ ކޭޝް ކާޑެއް ވަނީ ތަޢާރަފްކޮށްފައި

މޯލްޑިވްސް އިސްލާމިކް ބޭންކުން "ބިޒްނަސް ބޭންކިން"ގެ ނަމުގައި އައު ގޮތްޕެއް ހުޅުވައިފިއެވެ.

ބިޒްނަސް ބޭންކިން ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ބޭންކިންގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީ ވިދާޅުވީ އަލަށް ހުޅުވޭ ބިޒްނަސް ބޭންކިން ގޮތްޕާއެކު އެމްއައިބީން ދޭ ބޭންކިންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ބޭންކިންގެ ދާއިރާއިން އެރުމަށް އެމްއައިބީން ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ބިޒްނަސް ބޭންކިންއާއެކު ލިބޭނެކަމަށް އެމްއައިބީގެ ސީއީއޯ ވިދާޅުވިއެވެ.

މުފައްދަލް އިދްރީސް ވިދާޅުވީ އެމްއައިބީ ބޮޑަށް ފާހަގަވެފައި އޮންނަނީ ރީޓެއިން ބޭންކެއްގެ ގޮތުގައިކަމަށާއި އެހެންނަމަވެސް ބިޒްނަސް ބޭންކިންގެ ރޮނގުންވެސް ކުރިއަރަންޖެހޭ ކަމަށެވެ.

ބިޒްނަސް ބޭންކިންގެ ބައެއް ޚިދުމަތްތައް ދިނުމަށް ޚާއްސަ ލޮބީއެއް އެމްއައިބީން ވަނީ ޤާއިމްކޮށްފައެވެ. މިލޮބީ 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެކަމަށް ވެސް އެމްއައިބީން ބުނެއެވެ. އެ ބޭންކުން ބުނީ މި ލޮބީގައި ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތާއި ކޭޝް ޑިޕޮސިޓްކުރުމުގެ ޚިދުމަތްވެސް ދެވޭނެ ކަމަށެވެ. އަދި ޕެޓީ ކޭޝްއަށް ޚާއްސަ ކާޑެއް، ބިޒްނަސް ބޭންކިންގެ ގޮތްޕާއެކު އެ ބޭންކުން ވަނީ ތަޢާރަފުކޮށްފައެވެ.

އެމްއައިބީން ބުނީ ބިޒްނަސް ބޭންކިންގެ ސާވިސް ޑެސްކުގެ ޚިދުމަތް ޢާންމު ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ހަވީރު 16:00އަށެވެ. އަދި ރަމަޟާން މަހު ހެނދުނު 9:30އިން 15:00އަށެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގައި ޚިދުމަތް ލިބޭނީ ކުރި 11:00އިން 14:00އަށެވެ.