ޚަބަރު

ކައުންސިލްތަކަށް ފަޅުރަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކުރަނީ


  • ރައީސް ވިދާޅުވީ ފަޅުރަށް ދޫކުރާ މުއްދަތު އިތުރުކުރުމަށް މަސައްކަތް ފަށާފައިވާކަމަށް

  • މިހާތަނަށް 26 ފަޅުރަށެއް ދޫކުރުމަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވި

  • މިއީ ކައުންސިލްތަކުން އިޤްތީޞާދީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދޭ ފުރުޞަތެއް

ލޯކަލް ކައުންސިލްތަކުން ޢާމްދަނީ ހޯދުމަށް ފަޅުރަށްތައް ދޫކުރާ މުއްދަތުގެގޮތުގައި މިހާރު އޮންނަ 10 އަހަރުގެ ބަދަލުގައި 25 އަހަރަށް ފަޅުރަށް ދޫކުރާގޮތަށް ބަދަލުގެނައުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވާވަފަނީ ކައުންސިލްތަކުން ޢާމްދަނީ ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަޅުރަށެއް ނުވަތަ ފަޅެއް ކޮންމެ ކައުންސިލަކަށްވެސް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށެވެ. މި ފުރުޞަތުގައި، ކައިރީގައި ފަޅުރަށެއް ނެތް ރަށްތަކަށްވެސް، އެހެން ސަރަޙައްދަކުން ފަޅުރަށެއް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ދޫކުރުމަށް މިހާރު 26 ރަށެއް ވަނީ އިޢުލާނުކޮށްފައެވެ. މި ލިސްޓަށް ވަރަށް އަވަހަށް ރަށްތަށް އިތުކުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ރަށްތަށް ދޫކުރުމަށް މިހާރު ނިންމާފައިވާ 10 އަހަރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި، މިކަމުގައި ޤާނޫނީގޮތުން މަސައްކަތް ކުރާ ޓީމުގައި އެދިވަޑައިގެންފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާރު ރަށް މި ދޫކުރަނީ 10 އަހަރަށް. އަޅުގަނޑު މިހާރު ދަންނަވާފައިވާނެ ރައީސް އޮފީހުގެ ލީގަލް ޓީމަށް، މި މުއްދަތު 25 އަހަރަށް އިތުރުކުރުމަށް. ޤާނޫނު އޮތްގޮތުން މިއަށްވުރެވެސް މުއްދަތު އިތުރުކުރެވޭނެ. 50 އަހަރަށް ދެވޭގޮތަށްވެސް ފުޅާކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރ.މީދޫގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުވެސް ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރ.މީދޫގެ ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުށަހެޅުއްވި، ރަށުގެ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވި މީދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގައި އާ ސަރުކާރުން، ބަޖެޓުގައި ހިމަނައިދޭން އޭރުގެ ފިނޭންސް މިނިސްޓްރީއަށް ހުށައެޅި ކަމެއްކަމަށެވެ. ނަމަވެސް މި މަޝްރޫޢަށް ހިމަނައިދިނީ ވަރަށް ކުޑަ ބަޖެޓެއްކަމަށްކަމަށް ރައީސް ވިދާޅުވިއެވެ.

އާ ސަރުކާރުން ބަޖެޓުގައި ހިމަނައިދޭން އެދުނު ބޮޑެތި މަސައްކަތްތަކަށްވެސް ބަޖެޓުގައި ހިމެނީ ދެތިން މިލިއަން ރުފިޔާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބިންހިއްކުންފަދަ ބޮޑެތި މަޝްރޫޢުތަކަކީ މަދުވެގެން 50 މިލިއަނާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ހޭދަވާނެ މަޝްރޫޢުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މީދޫގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ، ބަޖެޓަށް ފައިސާ އިތުރުކޮށްދެއްވައި މިއަހަރުގެ ތެރޭގައި މީދޫގެ ބިން ހިއްކައިދެއްވާނެކަމުގެ ޔަގީންކަމެވެ. އެ މަޝްރޫޢުގައި، މީދޫގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެގައެވެ.

"މިރަށުގެ ފަޅުގައި މާބޮޑު ޖާގައެއް ނެތް. 8-10 ހެކްޓަރު ހިއްކެން އޮތީ. ޔަގީންކަން މިދެނީ މިއަހަރުގެ ތެރޭގައި ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކާނަން." ރައީސް ވިދާޅުވިއެވެ.

ބިންހިއްކުގެ އިތުރުން، ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާގޮތަށް މީދޫ ހިމެނޭ ސަރަޙައްދުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ތަޞައްވުރު ޙަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން މީދޫގެ ކައުންސިލާއި ރައްޔިތުންނަށް އިޤްތިޞާދީ މަސައްކަތްތައް ކުރިއަށްގެންދެވޭގޮތަށް މި ސަރަޙައްދުން ފަޅުރަށެއް ހަމަޖެއްސުމާއި ރަށުގެ ހޮސްޕިޓަލް ތަރައްޤީކުރުމާއި ރަށުގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވަނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ރަށާއި ސަރަޙައްދުގައި ހިންގާ މަޝްރޫޢުތަކާއެކު ރަށުގެ ޢާއްމު އިޖްތިމާޢީ ޙާލަތާއި އިޤްތިޞާދު ފުޅާވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
30 ހެކްޓަރުގެ މީދޫގެ އާބާދީ 2200އިން މައްޗަށް އަރައެވެ.