މަސްތުވާތަކެތި ނައްތާލެވޭނެ އަވަސް ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭރު ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާ، މަސްތުވާތަކެއްޗަށް އޮންނަ ޓެލީ ޑިމާންޑު މަދު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ޑްރަގް އެޖެންސީގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ބުރަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މަސްތުވާތަކެތީގެ މައްސަލައަށް ގެނެވޭނެ ޖުމްލަ ހައްލަކީ މަސްތުވާތަކެތީގެ ސަޕްލައި އެއްކޮށް ރިޑިޔުސްކޮށް، ޓެލީ ޑިމާންޑު ރިޑިޔުސްކުރުން. މިކަމަށް ފުލުހުންނާއި ޑްރަގް އެޖެންސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރާ ހަވާލުވިފަހުން ގާތްގަނޑަކަށް 46 މިލިޔަން ރުފިޔާގެ މަސްތުވާތަކެތިވަނީ ނައްތާލާފައެވެ. ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތި ވީހާވެސް އަވަހަކަށް ނައްތާލަންޖެހޭ ކަމަށެވެ. ނަމަވެސް ޤާނޫނާއި ގަވާއިދުތައް އޮންނަ ގޮތުން މިހާރު މަސްތުވާތަކެތި ނައްތާލުމަށް މުއްދަތެއް ހޭދަވާކަމަށެވެ. ވީމާ ޤާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސް ވީހާވެސް އަވަހަކަށް މަސްތުވާތަކެތި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މަސްތުވާތަކެތީގެ ތެރެއިން 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ދޫނިދޫގައި މިއަދު ނައްތާލާފައިވާ ކަމަށެވެ. މިއީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓާއި 2731 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 237 ދަޅާއި 585 ބުލެޓާއި 30 ބިޑިއާއި 537 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ނައްތާލާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ތަކެތީގެ ޖުމްލަ އަދަދު 400 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.
މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.