ޚަބަރު

"ސަރުކާރުގެ ވިސްނުމަކީ ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން"


  • ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުކުރުމަށް ރައީސް މަސައްކަތްކުރައްވާ

  • ޓެކްސް ލިބޭ މަގުތައް ފަހިކުރުމަށް ވިޔަފާރިތައް އިތުރުކުރާނެ

  • ވިޔަފާރިތައް އިތުރުކުރުމަށް ރައްޔިތުންނަށް އެހީ ދެވޭނެ

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އިޤުތިޞާދު ހަރުދަނާކޮށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރަށްރަށުގެ އެއަރޕޯޓު ބޮޑުކުރުމާއި ވިޔަފާރީގެ ހަބުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުމަކީ އިޤުތިޞާދު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ.

ވަޒީރު ވިދާޅުވީ އިޤުތިޞާދު ހަރުދަނާކޮށް މާލިއްޔަތު ރަނގަޅުކުރުމަށް ރާއްޖޭގެ ޓެކްސް ބޭސް ބޮޑުކުރާ ވާހަކަ މީގެކުރީ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އިޤުތިޞާދު ހަރުދަނާކޮށް މާލިއްޔަތު ރަނގަޅުކުރުމަށް ޓެކްސް ލިބޭ މަގުތައް އިތުރަށް ފަހިކުރެވޭނެކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެހީދީގެން ރާއްޖޭގައި ވިޔަފާރިތައް އިތުރުކޮށް ޓެކްސް ލިބޭނެ އިތުރު މަގުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަކީ ފުދުންތެރި އަނެކާއަށް ބަރޯސާނުވެ ދިރިއުޅެވޭނެ ބަޔަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ކުރީ ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވޭ ޓެކްސް ބޭސް ބޮޑުކުރާނެ ވާހަކަ. އެއީ ދައުލަތަށް ޓެކްސް ލިބޭނެ އިތުރު މަގުތައް ފަހި ކުރުން. މިކަން ކުރެވޭނީ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފަހިކޮށްދީގެން. މިކަމުގެ ސަބަބުން ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާނެ." ވަޒީރު ވިދާޅުވިއެވެ.

އިޤުތިޞާދު ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ބާރުވެރިކުރުމަށްވެސް މި ސަރުކާރުން ގެންދަވަނީ، މުހިންމު ފިޔަވަޅުތައް އަޅުއްވަމުންނެވެ.