ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަމަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމީ، އެމަހުގެ 28 ވަނަ ދުވަހުގެ ކުރިން އިންތިޚާބާއި ގުޅޭ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ނިންމަން ޤާނޫނުތަކުގައި ލާޒިމްކޮށްފައިވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ އޭޕްރީލް 21 ވާ އާދީއްތަދުވަހު އިންތިޚާބު ބޭއްވުމަށް ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިއުމުންނެވެ. އާއްމުކޮށް ރާއްޖޭގައި ބޮޑެތި އިންތިޚާބުތައް ބާއްވަމުން ދިޔައީ ހޮނިހިރުދުވަހު ނަމަވެސް، 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ އެޕްރީލް 21 ވަނަ ދުވަހަކީ އާދީއްތަ ދުވަހަކަށްވުމުން ބައެއް ފަރާތްތަކަށް އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކުރިން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަމަހުގެ 21ވަނަ ދުވަހަށް ލަސްކުރީ އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެންނެވެ. އިންތިޚާބު ބާއްވަން ނިންމެވި ދުވަސް ރަމަޟާން މަހާއި ދިމާވާތީ، އެކަމަށް ހައްލު ގެނައުމަށް ގެނައި އިސްލާހުގެ ސަބަބުން މީގެފަހުން އެއްވެސް އިންތިޚާބެއް ރަމަޟާންމަހާއި ދިމާވެއްޖެނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 5 އަހަރުގެ ދައުރު އަންނަ މޭމަހުގެ 28 ވަަނަ ދުވަހަށް ހަމަވާނެކަމަށެވެ. އަދި އެ ދައުރު ހަމަވުމުގެ 30 ދުވަސް ނުވަތަ އޭޕްރީލްމަހުގެ 28ގެ ކުރިން އިންތިޚާބު ބާއްވައި، އެކަމާއި ގުޅޭ ހުރިހާ ކަމެއް ފުރިހަމަކުރަންޖެހޭއިރު، ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރަމަޟާންމަހަށްފަހު އެންމެ އަވަހަށް އިންތިޚާބު ބޭއްވޭން އަންނަނީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން މިހާރު ކުރިއަށްދާކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް ނިންމި ތާރީޚަކީ ސަރުކާރު ބަންދު ނޫން ދުވަހަކަށްވާތީ އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް
ސަރުކާރުގައި ދަންނަވާފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.