ޚަބަރު

އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، މިއީ %16.9 އިތުރު އަދަދެއް


  • މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 362،559 ފަތުރުވެރިން

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 7 ހާހަށްވުރެ ގިނަ ފަތުރުވެރިން އާދޭ

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 423863 ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 16.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 362،559 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު:

ޖަނަވަރީ : 192385 ފަތުރުވެރިން
ފެބްރުއަރީ : 217394 ފަތުރުވެރިން
މާރޗުމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް : 14084 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7042 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 12.9 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

ޗައިނާ : 54719 ފަތުރުވެރިން
ރަޝިއާ : 41583 ފަތުރުވެރިން
އިޓަލީ : 39962 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
.