ޚަބަރު

ރާއްޖޭގެ ކަނޑު ބެލެހެއްޓުމުގެ ނިޒާމު ޤާއިމްވުމުން ޤައުމުގެ މުސްތަގިއްލުކަން ކަށަވަރުވާނެ: އާދަމް ޝަރީފް


  • މުސްތަގިއްލުކަން ދެމެހެއްޓުމަށް އިޤްތިޞާދު ފުޅާކުރުން މުހިންމު

  • ރައީސް ވަނީ ކާޑުގެ ބާވަތްތައް އިތުރު ޤައުމަކުން ގެނެވޭނެ އިންތިޒާމް ހަމަޖައްސަވާފައި

ރާއްޖޭގެ ކަނޑު ބެލެހެއްޓުމުގެ ނިޒާމު ޤާއިމްވުމުން ޤައުމުގެ މުސްތަގިއްލުކަން އިޙުސާސްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބ. ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދު މިވީހާތަނަށް އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުގެ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް މަސްދޯންޏެއް ވަނުމުން އެކަން އެމްއެންޑީއެފަށް އަންގަނީ ދިވެހި މަސްވެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް މަސްވެރިން އެންގުމުން އެމްއެންޑީއެފުން ފިޔަވަޅު އަޅާ އެޅުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މުހިންމު ކަމެއް އިޢުލާނުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ނިޒާމު މިމަހު ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ނިޒާމު ޤާއިމްވުމުން ދިވެހިންގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށާއި އޭރުން ދިވެހި ޤައުމުގެ މުސްތަގިއްލުކަން އިޙްސާސްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ކަނޑަށް ގަވާއިދާއި ޚިލާފަށް މަސް ދޯންޏެއް އެރުމުން އެކަން އެމްއެންޑީއެފަށް އަންގަނީ މަސްވެރިން. އެކަށީގެންވާ ގޮތެއްގައި ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭ. ނަމަވެސް ރައީސް މިހާރު އެވަނީ 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް މިމަހު ޤާއިމްކުރައްވާނެކަމަށް ވިދާޅުވެފައި. މިއާއެކު ދިވެހިންގެ މުސްތަގިއްލުކަން އިޙުސާސްވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައިގައިވަނީ ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ދިވެހިން ޢާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އިތުރު ޤައުމުތަކުން ގެނެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ދިވެހިން އާސަންދައިގެ ދަށުން ދަތުރުކުރާ ދެ ޤައުމުގެ އިތުރުން، އިތުރު
ޤައުމުތަކަށް ވެސް އާސަންދައިގެ ދަށުން ފަރުވާ ހޯދަން ދެވޭނެ އިންތިޒާމް ރައީސް ގެންދަވަނީ ހަމަޖައްސަވަމުންނެވެ.