ޚަބަރު

މަޖިލިސް އިންތިޚާބުގައި އަލަށް ވޯޓުލެވޭ މީހުންގެ ވޯޓަރސް ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި


  • އަލަށް 560 ފަރާތަކަށް ވޯޓުލެވޭ

  • ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30އިން 15:00އަށް ޝަކުވާ ހުށައެޅޭނެ

  • މަޖިލިސް އިންތިޚާބުގައި 284،887 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރުމުން ވޯޓަރސް ލިސްޓަށް އަލަށް އިތުރުވި މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. މި އިސްލާޙާ ގުޅިގެން ކުރިން މިމަހުގެ 17 ގައި ބާއްވަން ނިންމެވި އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 21އަށް ވަނީ ބަދަލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރުމުން އަލަށް 560 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބޭ ކަމަށެވެ. މި ފަރާތްތަކުގެ ވޯޓަރސް ލިސްޓު ގެޒެޓުކޮށް މިއަދުން ފެށިގެން މިމަހުގެ 7އާއި ހަމައަށް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 8:30އިން މެންދުރުފަހު 3ކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ނަމަ ދަރުބާރުގެއަށް، މީހުން އުޅޭ ރަށްރަށުގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅޭނެކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ އަވަށްތަކުން ޝަކުވާ ހުށަހަޅާނީ އެއަވަށެއްގެ އަވަށު އޮފީހަށެވެ ކުޅުދުއްފުށި ސިޓީއާއި ފުވައްމުލަކު ސިޓީން ޝަކުވާ ހުށަހެޅޭނީ ކައުންސިލް އިދާރާއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އަލަށް އިތުރުވި 560 މީހުންނާއެކު މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284،887 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.