ޚަބަރު

ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނަގަން ފަށައިފި


  • މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި ވެހިކަލްތަށް ނަގާނެ

  • ގިނަ ދުވަސް ވެފައިހުރި ވެހިކަލްތައްވެސް ނެގުމުގެ މަސައްކަތް ވަނީ ފަށާފައި

  • ޤަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާނެ

ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސް ވެފައިހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ޤަވައިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަވެފައިވާކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ މާލޭއާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައި ޕާކުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޤަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާނެކަމަށެވެ.

އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން އޮފީސް ޢިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކުރުމުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ޤާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީމަހުއެވެ. ނަމަވެސް އޭގެފަހުން މަގުތަކުގެ ދެ ފަރާތުގައިވެސް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެ މަގުތައް ބޭނުންކުރުމުގައި އުނދަގޫވާތީ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.