ޚަބަރު

މިއަހަރު ނިމޭއިރު ރާއްޖޭގެ 100 ރަށުގައި ކުނިމެނޭޖް ކުރާ މަރުކަޒުގެ ޤާއިމްކުރެވޭނެ: ވަޒީރު ޠާރިޤު


  • 54 ރަށުގައި މުޅިން އަލަށް ކުނި މެނޭޖް ކުރާ ނިޒާމް ޤާއިމްކުރެވޭނެ ކަމަށް ވިދާޅުވި

  • ސަރަހައްދީ ފެންވަރުގައި 3 ސަރަހައްދެއްގައި ކުނިމެނޭޖް ކުރާ ތަން ހެދިގެން ދާނެ

  • ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ޕްރައިވެޓް ސެކްޓާރއަށް ވަނީ ހުޅުވާލާފައި

މިއަހަރު ނިމޭއިރު ރާއްޖޭގެ 100 ރަށުގައި ގާއިމްކުރާ ކުނިމެނޭޖް ކުރާ މަރުކަޒުތައް ނިމޭނެކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ރައީސްގެ ހަފްތާ 14ގައި އެ ވުޒާރާއިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރަހައްދީ ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖް ކުރާ މަރުކަޒުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް ގައުމީ ފެންވަރުގައި ޕްލޭނެއް އެކުލަވާލައި 22 ފެބްރުއަރީ 2024ގައި އިފްތިތާހު ކުރައްވާފައިވާކަމަށެވެ.

ޠާރިޤު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިން ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެމަސައްކަތް ނުކުރެވޭކަމަށެވެ. އެއީ ބޭނުންވާ ވަސީލަތްތަކާއި ތަނުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުންކަމަށެވެ. މިހެންވުމުގެ ސަބަބުން ބައެއް ރަށްރަށުގައި މަސައްކަތް ފަށާ އެމަސައްކަތް ހުއްޓިފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް މިސަރުކާރުން މަގޭ ސާފު ރާއްޖޭގެ ނަމުގައި ގައުމީ ޕްރޮގްރާމެއް ފަށްޓަވާފައިވާކަމަށެވެ. މިއީ 5 އަހަރުގެ އަމާޒެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 100 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް މިއަހަރު ނިމުމުގެ ކުރިން ޤާއިމްކޮށް ނިމޭނެކަމަށެވެ. މީގެ ތެރެއިން 54 ރަށަކީ މުޅިން އަލަށް ކުނި މެނޭޖް ކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްތަކެވެ. އަދި އަނެއް 44 ރަށަކީ އިތުރަށް މަރާމާތުކޮށް އިތުރަށް ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ ރަށްތައްކަމަށެވެ.

ވަޒީރު ވިދާޅުވީ މި 100 ރަށަށް ބޭނުންވާ ވަސީލަތްތައްވެސް މިޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ. ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު މީގެ ތެރެއިން 3 ސަރަހައްދެއްގައި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖް ކުރެވޭނެ މަރުކަޒުތައް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖްކުރާ ރަށްރަށަކީ ރ.ވަންދޫ، ކ. ތިލަފުށީގެ އިތުރުން އައްޑޫ ސިޓީގައެވެ. ވަޒީރު ވިދާޅުވީ މި ސަރަހައްދުތަކުގައި ކުނިމެނޭޖް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވެމުން ދާކަމަށެވެ.

ވަޒީރު ވިދާޅުވީ މާލޭ ރީޖަންގެ އެންމެ ބޮޑު ކުނި މެނޭޖް ކުރާ ސަރަހައްދު ކަމުގައިވާ ތިލަފުށީއަށް މިހާރު 500ޓަނަށް ވުރެއް ގިނައިން ދުވާލަކު ކުނި އެތެރެކުރާކަމަށެވެ. އެގޮތުން އެތަނުގެ ކުނި މެނޭޖްކުރާ ކެޕޭސިޓީ އިތުރުކޮށް މުއްތަގްބަލުގައި އެތަނަށް އިތުރައް ބިން ބޭނުންވާކަމުގައި ވާނަމަވެސް އެކަންމައްވެސަ މަސައްކަތް ކުރާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތިލަފުށީގައި މިހާރު ހަދަމުންދާ ކުނިމެނޭޖް ކުރާ މަރުކަޒުގެ މަސައްކަތް ނިންމާ މި އަހަރުގެ ނިޔަލަށް އެތަނުން ޚިދުމަތް ދެވެން ފަށާނެކަމަށެވެ. މީގެ އިތުރުން އައްޑޫގައި ހަދާ ކުނި މެނޭޖް ކުރާ މަރުކަޒުގެ މަސައްކަތް ނިންމާ 2027 ވަނަ އަހަރު އޮޕަރޭޓްކުރަން ފެށޭނެކަމަށެވެ.

" މި ދެންނެވުނު މަސައްކަތް ކުރުމަށް ވަށާޖެހޭ މަސައްކަތް ކުރުމަށް 2 ބިލިޔަން ރުފިޔާ އެބަ ބޭނުންވޭ. މީގެކުރިން ކުނި މެނޭޖް ކުރުމުގެ ކަންކަމަށް ކަނޑައަޅާފައިވަނީ 172.5 މިލިޔަން ރުފިޔާ. މިއީ ކުޑަ އަދަދެއް. އަޅުގަނޑުމެން މި ބަލަނީ މި 2 ބިލިޔަން ރުފިޔާ ކުރިއަށް އޮތް ބަޖެޓުގައި ޖެހި އަދި ބޭރުގެ އެހީދޭ ޖަމްޢިއްޔާތަކާއި މަޝްވަރާކޮށް މި ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް މުހިންމުކަމަކަށް ވެގެން ދާނެ" ޠާރިޤު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށްކަމަށެވެ. މިގޮތަށް މިކަން ކުރުމުން އެންމެ އެދެވޭ ގޮތެއްގައި އެމަސައްކަތް ކުރިއަށް ނުދާކަމަށް ސަރުކާރަށް ފާހަގަވެފައިވާތީ އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ވައުދުގެ ދަށުން އަމިއްލަ ފަރާތްތައް ބައިވެރިކޮށްގެން އެމަސައްކަތް ކުރުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާކަމަށެވެ. އެގޮތުން މިހާރު ޕްރައިވެޓް ސެކްޓާރތަކަށް އެ މަސައްކަތް ކުރުމަށް ހުޅުވާލާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.