ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި ގަރާޖުގައި އުޅަނދު ރަޖިސްޓްރީކުރަމުންދާ މައްސަލައަށް ހައްލު ހޯދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންކަމަށް ބަޔާންކޮށްފައިވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤާވާޢިދުގައި މިގޮތަށް އޮތް ނަމަވެސް ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ އެ ވުޒާރާއަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މިކަން ޙައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަށް އެވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުޙަލާގައި ހުށަހަޅަންޖެހޭ ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ސިޓީގެ ސައްޙަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތްކުރާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ ފުރަތަމަ ބުރުގައި 158 އުޅަނދުވަނީ ނަގާފައެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގުރާމުގެ ދަށުން މަގުމަތިން ނެގި އުޅަނދުތަކުގެ ތެރޭގައި ބައުވެ ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނޭ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް އުޅަނދު، ފުޑުފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.