ކުރީގައި އޮތް މެނޭޖްމަންޓުން ޢަމަލުކޮށްފައިވާ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޒިޔާދު ވިދާޅުވީ ބައެއް މަޝްރޫޢުތައް ހިންގުމަށް މިދިޔަ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށްކަމަށެވެ. އެގޮތުން ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
"މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބާޖުތައް ކުއްޔަށް ނަގާފައި އެބަހުރި. ތިން އަހަތަރު ވިއިރު ބާޖުގެ އަގު އެބަހުރި ޖެހިފައި ކުލިން." ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި 5 ޑްރެޖަރު އޮތް ނަމަވެސް ރަނގަޅަށް މަސައްކަތްކުރަނީ އެންމެ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރު މިހާރު ބޭނުންކުރަމުންދަނީ ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތަށްކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ދެން ހުރި ޑްރެޖަރުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށާއި، އަދި 5 ބާޖެއްގެ ތެރެއިން 3 ބާޖެއްވެސް އޮތީ ފެތިފައިކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ބާޖުގެ ދަތިކަމާއި ލޭންޑިން ކްރާފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް ލޯނެއް ނަގައިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ.