ޚަބަރު

އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ އޮތީ ނުދައްކާ!


  • އެކި ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާ އެބައޮތް

  • ދަރަނީގެ ގޮތުގައި 800 މިލިއަން ރުފިޔާ ނަގާފައިވޭ

  • ކުންފުންޏަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތީ ނުލިބި

އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެމްޓީސީސީން ވަނީ އެކުންފުނީގެ މާލީ ހާލަތު ތަފްސީލްކޮށްދެއްވާފައެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ވޭތުވެދިޔަ އައު މެނޭޖްމަންޓުން ކުންފުންޏާއި ހަވާލުވިއިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިކަމަށެވެ. އަދި ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައިވެސް ކުރީގެ މެނޭޖްމެންޓުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި ހިންގުމުގެ ހަރަދުތައްވެސް ވަރަށް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝައަލް އޮފިސަރ ހުސައިން މުހަންމަދު މަނިކް ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރު ނިމުނުއިރު އެކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާ ކުރީގެ މެނޭޖްމެންޓުން އޮތީ ނުދައްކާކަމަށެވެ. އަދި ދަރަނީގެ ގޮތުގައި އެކި ފަރާތްތަކުން 800 މިލިއަން ރުފިޔާ ނަގާފައިވާއިރު، އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުންފުނީގެ ރިސީވެބަލްސް އުޅެނީ 1.7 ބިލިއަނުގައި. ކުންފުނީގެ ޕޭބަލްސް އުޅެނީ 954 މިލިއަނުގަ. އަދި ކުންފުނީގެ ބޮރޯއިންގސް އުޅެނީ 800 މިލިއަނުގައި. އަޅުގަނޑުމެން މިދަނީ މިހުރިހާ ޗެލެންޖަސްތަކަކާވެސް ކުރިމަތިލަމުން." ހުސައިން މުހަންމަދު މަނިކް ވިދާޅުވިއެވެ.

ކުންފުންޏަށް މާލީ ގެއްލުންތައް ލިބެމުންދާ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ބައެއް މަޝްރޫޢުތައް ހިންގުމަށް މިދިޔަ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާގޮތަށްކަމަށެވެ. އެގޮތުން ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބާޖުތައް ކުއްޔަށް ނަގާފައި އެބަހުރި. ތިން އަހަތަރު ވިއިރު ބާޖުގެ އަގު އެބަހުރި ޖެހިފައި ކުލިން." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި 5 ޑްރެޖަރު އޮތް ނަމަވެސް ރަނގަޅަށް މަސައްކަތްކުރަނީ އެންމެ ޑްރެޖަރެއް ކަމަށެވެ. އަދި ދެން ހުރި ޑްރެޖަރުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށާއި، އަދި 5 ބާޖެއްގެ ތެރެއިން 3 ބާޖެއްވެސް އޮތީ ފެތިފައިކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ބާޖުގެ ދަތިކަމާއި ލޭންޑިން ކްރާފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް ލޯނެއް ނަގައިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ކުންފުނީގެ އާމްދަނީ ރަނގަޅުކޮށް، ކުންފުނި ކޮޅަށްޖެހުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެމްޓީސީސީގެ ސީޢީއޯ ވިދާޅުވިއެވެ.