ޚަބަރު

ރާއްޖޭގެ ތާރީޚާއި ޖިއޮގްރަފީ މާދަމާއަށް އަންގައިދިނުމަކީ އަގުބޮޑު މަސައްކަތެއް: އާދަމް ނަޞީރު


  • ތާރީޚު ދެމެހެއްޓުމަށް ފޮތްތެރި މުޖުތަމަޢެއް އުފައްދަންޖެހޭކަމަށް ވިދާޅުވި

  • ހަނދާނާއި ތާރީޚަށްޓަކައި "ހުވަދުންމަތީ އިރުމަތި" ނަމުގައި ފޮތެއްވަނީ ނެރުއްވާފައި

  • މިފޮތުގައި ހުރީ ކުރީގެ ހުވަދު އަތޮޅާ ބެހޭ މަޢުލޫމާތުތައް

ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ޖިއޮގްރަފީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ އަގުބޮޑު މަސައްކަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ހަނދާނާއި ތާރީޚަށްޓަކައި ހުވަދުންމަތީ އިރުމަތި" ނަމުގައި އިބްރާހީމް އަނީސް ލިޔުއްވި ފޮތް ނެރުމަށް ދިވެހިބަހާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިފޮތް ނެރުއްވައި ދެއްވުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ "ހަނދާނާއި ތާރީޚަށްޓަކައި ހުވަދުންމަތީ އިރުމަތި" މި ފޮތް ލިޔުއްވުމަކީ ދިވެހި ތާރީޚާއި ސަގާފަތަށްޓަކައި އިބްރާހީމް އަނީސް ކުރެއްވި އަގުބޮޑު ޤައުމީ މަސައްކަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ދިވެހިންނަށް ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ޖިއޮގްރަފީ އަންގައިދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް އެމީހުންގެ އަސްލުތަކާއި ތާރީޚު ކިޔައިދިނުމަށް ބުރަ މަސައްކަތްތަކެއްކުރާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާގައި ރާއްޖެ އޮތީ ތަންކޮޅެއް ފަހަތުގައިކަމަށެވެ.

ވަޒީރު ވިދާޅުވީ ތާރީޚާ ގުޅޭ ފޮތްތައް ނެރުމާއި ތާރީޚު ދަރިވަރުންނަށް ކިޔާދެވޭނީ ފޮތްތެރި މުޖުތަމަޢެއް އުފެއްދިގެން ކަމަށެވެ. ފޮތް ކިޔާނެ މީހުން ތިބެންޖެހޭކަމަށާއި ފޮތް އިތުރުވާނީ ވެސް އޭރުންކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ކިބައިގައި ފޮތް ކިޔުމަށް ލޯބި ޖެއްސުމަށް ގިނަ މަސައްކަތްތަކެއްކުރަން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ތާރީޚަށް މީގެ ކުރިން ބޮޑު ސަމާލުކަމެއް ދެވިފައިނެތީ އޭގެ އަގާއި މުހިންމުކަން ނޭނގުމުން. އަޅުގަނޑުމެންގެ ތެރޭގައި ފޮތް ކިޔާނެ މީހުން ތިބެންޖެހޭ. އޭރުން ފޮތް ޗާޕުކުރެވޭނީ ވެސް. ފޮތް ކިޔާ މީހުން ނެތީމާ ފޮތްތައް ޗާޕުކުރަން ދަތި." ވަޒީރު ވިދާޅުވިއެވެ.

ފޮތުގެ މުޞައްނިފް އިބްރާހީމް އަނީސް ބުނީ އޭނާގެ ފޮތުގައި ހުވަދޫ އަތޮޅާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސަރުކާރުގެ ދަށުގައި ހުވަދޫ އޮތްއިރު ހިނގާދިޔަ ހާދިސާތަކާ ގުޅޭ މަޢުލޫމާތުތައް ފޮތުން ލިބޭނެކަމަށް އަނީސް ބުންޏެވެ. އަދި މި ފޮތް ލިޔުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އަދްނާން ޙަލީމަށް އަނީސް ވަނީ ޝުކުރުއަދާކޮށްފައެވެ.

މިފޮތް އަންނަ ހަފްތާއިން ފެށިގެން އެމް 7 އިން ގަންނަން ލިބޭނެއެވެ.