ޚަބަރު

ދިވެހިންގެ ޙަޟާރަތާއި ތާރީޚު ފަތުރުވެރިންނަށް ތަޢާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް


  • އިސްރަށްވެހިންގެ ތަޖުރިބާއާއި ރަށްރަށުގެ ވާހަކަތައް އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ތާރީޚީ ހާދިސާތަކާއި ވާހަކަތައް ބެލޭނެ ގޮތަކަށް ރަސްރަނި ބަގީޗާއަށް ބަދަލެއް ގެންނާނެ

  • ރަސްރަނީގައި ހުންނަ އުސްގެކޮޅު ހިމެނޭ ސަރަހައްދު ކުޑަ ދާރުލްއާސާރަކަށް ބަދަލުވާނެ

ދިވެހިންގެ ޙަޟާރަތާއި ތާރީޚު ފަތުރުވެރިންނަށް ތަޢާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިޒިޓަރ އިކޮނޮމީ ސިޔާސަތުގެ ދަށުން ތަރިކަ ރައްކާތެރިކޮށް ދިވެހިންގެ ތާރީޚު ފަތުރުވެރިންނަށް ތަޢާރަފްކޮށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އިސްރަށްވެހިން ކޮށްފައިވާ ތަޖުރިބާތަކާއި ރަށްރަށާއި ގުޅިފައިހުރި ވާހަކަތައް އެއްކުރުމުގެ މަސައްކަތްކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރާނީ ރަށު ކައުންސިލްތަކުގެ އެހީގައިކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ މަޝްވަރާތައް މިއަންނަ ރަމަޟާން މަހުން ފެށިގެން ކައުންސިލްތަކާއެކު ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތެއްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ރަމަޟާން މަހު ތެރޭ ކައުންސިލްތަކާ ބައްދަލުކުރަން ފަށާނަން. އަދި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ކަރުދާހެއް ކައުންސިލަށް ހުށައަޅާނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި ކަޅުއޮށްފުންމި މާލެ ގެނެސް ބާއްވާފައިވާ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން ހަރުގެ އަޅާ، ސުމޭކުގެ ޒަރިއްޔާއިން ކަޅުއޮށްފުންމީގެ ވާހަކަ ބަލާލެވޭނެ ގޮތް އެތަނުގައި އިންތިޒާމްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ނައުފަހަރުގައި ރާއްޖެ ވަޑައިގެންނެވި ރަސްރަސްކަލުން ނައު ފަހަރުން މާލެއަށް ފައިބައިވަޑައިގަންނަވަން ބޭނުންކުރެއްވި އުޅަނދެއްކަމަށްވާ ޖަލިޔާކޮޅު މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޖަލިޔާކޮޅުގެ އަސްލު މިހާރުވެސް އެބައޮތް ކަމަށާއި މިހާރު ކުރިއަށްދަނީ އެ އުޅަނދުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

މީގެއިތުރުން ރަސްރަނި ބަގީޗާގައި ހުންނަ އުސްގެކޮޅު ހިމެނޭ ސަރަހައްދު ދާރުލްއާސާރަކަށް ބަދަލުކުރެއްވުމަށް ބޭރުގެ ކޮންސަލްޓަންސީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އުސްގެ ކޮޅު ހިމެނޭހެން މުޅި ރަސްރަނި ބަގީޗާއަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމަވާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރަސްރަނި ބަގީޗާގައި ޓެކްނޮލޮޖީގެ އުކުޅުތައް ބޭނުންކޮށްގެން ތާރީޚުގެ ހާދިސާތަކާއި ވާހަކަތައް ބަލާލެވޭނެ ގޮތް ހެދުމަށް ބޭރުގެ ފަންނީ ފަރާތްތަކާ ވާހަކަދައްކަވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން ރެސްޓޮރޭޝަން ލެބެއް ރާއްޖޭގައި އެޅުމުގެ މަސައްކަތްކުރައްވާނެ ކަމަށާއި އެކަމަށް ބޭނުންވާ އެހީ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރައްވައި އެކަމަށް ފެހި ސިގްނަލް ލިބިފައިވާކަމަށެވެ.

ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު 7 މިސްކިތް ހިމެނެއެވެ.