ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް މިހާރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވަލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަނުން އަލުން ހުޅުވާލީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު އައުމާއި ގުޅިގެނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އެ ތާރީހު ވަނީ އަންނަމަހުގެ 21 ވަނަ ދުވަހަށް ލަސްވެފައެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ ރީރަޖިސްޓްރީވުމުގެ މަރުހަލާ ނިމިފައި އޮތްނަމަވެސް، ތާރީހަށް އައި ބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރީރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭނީ އޮންލައިންކޮށްކަމަށާއި، އެހެންކަމުން ދުރާލާ ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
އެގޮތުން ރީ-ރަޖިސްޓްރީވުމަށް form.elections.gov.mv އަށް ދިޔުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީރަޖިސްޓަރ ވެވޭނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން އެނގޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިންތިހާބު ބާއްވާ ތާރީހަށް އައި ބަދަލާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވޯޓާސް ލިސްޓަށް އައި ބަދަލުތަކާއެކު ޝަކުވާއަށް ހުޅުވާޅުމުން 30 ޝަކުވާ ހުށަހެޅުނުނަމަވެސް އޭގެތެރެއިން ބަލައިގެންފައިވަނީ ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ޝަކުވާއެއް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ޝަކުވާތަކަށް ފުރުސަތު ދިނުމަށްފަހު އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މިހާރު ހިމެނެނީ 284888 މީހުންނެވެ. މީގެތެރެއިން 561 މީހުންނަކީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ލަސްކުރުމާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި 93 ދާއިރާއަކަށް 371 ކެނޑިޑޭޓަކު ވާދަކުރައްވައެވެ.