ސާނަވީ އިމްތިހާން ނިންމާ ކޮންމެ ކުއްޖެއްގެ ކިބައިގައި އިމާމުވެ ނަމާދުކުރުމާއި ޚުޠުބާކިޔުމުގެ ޤާބިލްކަން ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބައި ނިންމި ކުދިންނަށް ރަސްމީ ހުއްދަ ދޫކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މީގެކުރިން އޮންނަ ގޮތުން އިމާމުކަމުގެ ސަނަދު ލިބެނީ ގުރޭޑު 10 ނިންމުމަށްފަހު އިމާމް ކޯހުގެ ސެޓްފިކެޓު 3 ފުރިހަމަކުރުމުންކަމަށެވެ. އެހެންނަމަވެސް މިއަށް ވުރެ ލުއި ގޮތްތަކެއް މިކަމަށް ޝައުޤުވެރިކަން ހުންނަ ދަރިވަރުންނަށް ފަހިކޮށްދެންޖެހޭކަން ވަޒިރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ގުރޭޑު 10ގެ އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅުކަމަށާއި އެ މުޤައްރަރުގައި ބައެއް ފިޤުހު ކޯސްތަކުގައި ކިޔަވައިދޭ މަޢުޟޫތައްވެސް ހުންނަކަމަށެވެ. އަދި އެ މުޤައްރަރުގެ ދަށުން ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ޤާބިލިއްޔަތު ހުންނާނެ ކަމަށާއި އެކުދިންނަށް ލިބިފައިވާ ޤުރުއާން ކިޔެވުމުގެ ހުނަރު ބޭނުންކުރުމުގެ ފުރުޞަތު، މިފަދަ ޕްރޮގުރާމުތަކުގެ ތެރެއިން ފަހިކޮށްދެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ސާނަވީ އިމްތިޙާނުގެ އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅު. ވީމާ ގުރޭޑު 10 ނިންމާފައިވާ ކުދިން އެހުރީ އިމާމްކަން ކުރުމަށް ތައްޔާރުވެފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ދަށުން ތަމްރީނު ޕްރޮގުރާމް ނިންމާ ދަރިވަރުންނަށް ހުކުރު ކުރުމާއި ޢީދު ނަމާދުކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ކަމަށެވެ. އަދި ޕްރޮގުރާމުގެ ފުރަތަމަ ބައިގައި ތަމްރީން ނުދެވޭ، އެހެންނަމަވެސް އިންޓަވިއުއިން ފާސްވެފައިވާ ކޮންމެ ކުއްޖަކަށް ޕްރޮގުރާމުގެ ދެވަނަ ބައިގައި ތަމްރީނު ދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 160 ކުދިންނާއި ވަނީ އިންޓަރވިއުކޮށްފައެވެ. އިންޓަވިއުއިން ފާސްވި ކުދިންގެ ތެރެއިން 77 ކުދިންނާއެކު ޕްރޮގުރާމުގެ ޢަމަލީ ތަމްރީނުތައް މާލޭގައި ފެށީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ތަމްރީނުތަކުގެ ފުރަތަމަ ބައި 57 ކުއްޖަކު ނިންމައި، ސެޓިފެކެޓު ޙާސިލްކޮށްފައިވެއެވެ.