ޚަބަރު

ރަމަޟާން މަހު މެދުއިރުމަތީގެ 40 މިލިޔަން މީހުންނަށް ހައިހޫނު ކަމުގެ ނުރައްކާ


މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުން ރަމަޟާން މަހާ ކުރިމަތިލާފައި މި ވަނީ, އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 40 މިލިޔަނެއްހާ މީހުންނަށް ހައިހޫނު ކަމުގެ ނުރައްކަލާ ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށް އދއިން ބުނެފިއެވެ. އދގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމް (ޑަބްލިޔުއެފްޕީ)ން ބުނީ, މެދުއިރުމަތީގެ ޤައުމުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށާއި, އެހީދޭ ޤައުމުތަކާއި އިދާރާތަކުން ފައިސާ ލިބުން ދަތިވުމާ އެކު, ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.

ޑަބްލިޔުއެފްޕީން ބުނީ, މެދުއިރުމަތީގެ ޤައުމުތަކުގައި 400 މިލިޔަނެއްހާ މީހުން ދިރިއުޅޭއިރު, އޭގެ ތެރެއިން 40 މިލިޔަން މީހުންނަށް ހައިހޫނު ކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން 11 މިލިޔަން މީހުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތް ކަމަށާއި, އެ މީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުންނަށް ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދެވެމުން ނުދާ ކަމުގައެވެ.

މެދުއިރުމަައްޗަށް ބަލައިލާއިރު, މި ވަގުތު އެންމެ ނިކަމެތި ހާލުގައި ދިރިއުޅެމުން ދަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނެވެ. އެ މީހުން ނިކަމެތިކޮށް, ހާލުގައި ޖައްސައި, ބިކަ ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީންނެވެ. ޔަހޫދީ ފައުޖުން އޮކްޓޫބަރު 7ވަނަ ދުވަހު ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާއިން ވަނީ ކާބޯތަކެތި ހުސްވެފައެވެ. އަދި, އެ ރަށުގެ 2.3 މިލިޔަން މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތް އިރު, އޭގެ ތެރެއިން 500,000އަށް ވުރެ ގިނަ މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމުގައެވެ. ފައިދާހުރި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ދަނީ ޝަހީދު

ނަމަވެސް, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭން ޔަހޫދީން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް, ޔަހޫދީން ދަނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ގެ އިތުރުން ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ހުރަސް އަޅަމުންނެވެ. މިއީ, ޣައްޒާގެ މުސްލިމުން ހައިހޫނު ކަމުގައި ޝަހީދު ކުރަން ގަސްދުގައި ޔަހޫދީން ކުރަމުންދާ ކަމެކެވެ.

ޣައްޒާގެ އިތުރުން ލުބްނާނާއި, މިޞްރާއި, ސޫރިޔާއާއި ޔަމަނުގައި ވެސް ތަކެތީގެ އަގުތައް އުފުލިފައިވާ ކަމުގައި ޑަބްލިޔުއެފްޕީން ބުނެއެވެ. ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިފައި ވަނީ ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ ޤައުމުތައް ކަމުގައިވާ ސޫރިޔާއާއި, ލުބްނާނުގެ އިތުރުން ސޫދާނުގައެވެ. އެ ޤައުމުތަކުގައި ތަކެތީގެ އަގުތައް އުފުލެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމާއި, ކޮވިޑް-19ގެ ސަބަބުން އިޤުތިޞާދަށް ކުރިމަވިތި ހީނަރު ކަން ހިމެނެއެވެ.

"ޢާންމު ގޮތެއްގައި ރަމަޟާން މަހަކީ މެދުއިރުމަތީގެ ޤައުމުތުގައި ޞަދަޤާތް ކުރުން އިތުރުވާ މައްސަރެއް. ޚާއްޞަކޮށް ކާބޯތަކެތިން ޞަދަޤާތް ކުރުން. ނަމަވެެސް, މި އަހަރުގެ ރަމަޟާން މަހާ ކުރިމަތިލާން ޖެހިފައި މި ވަނީ އެތަކެއް މިލިޔަން މީހުން ވަރަށް ނިކަމެތި ހާލުގައި ތިއްބައި. ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި،" މެދުއިރުމައްޗާއި, އުތުރު އެފްރިކާ އަދި އިރުމަތީ ވިލާތަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެފްޕީގެ ރީޖަނަލް ޑިރެކްޓަރ ކޮރިނަ ފްލައިޝަރ ވިދާޅުވިއެވެ.

ކާބޯތަކެތި ލިބޭނެ މަގުތައް ބަންދުވެ, ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ދުވާލަކު އެއް ފަހަރު ވެސް ބަނޑުފުރާނަ މުއްތި ކުރެވޭ މިންވަރަށް ކާބޯތަކެތި ނުލިބޭ ކަމުގައި ފްލައިޝަރ ވިދާޅުވިއެވެ. ޣައްޒާގެ އިތުރުން ސޫރިޔާގެ ރައްޔިތުން މި ވަގުތު ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސޫރިޔާގެ ރައްޔިތުން ހާލުގައި ޖެހިފައި ވަނީ 12 އަހަރުވީ ދާޚިލީ ހަނގުރާމައާއި, އެ ސަރަޙައްދަށް ދާދި ފަހުން އައި ނުރައްކާތެރި ބިންހެލުމަކާ ގުޅިގެންނެވެ.

ސޫދާނާއި, ޔަމަނާއި ސޫރިޔާއަށް ބަލައިލާއިރު, ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް އެ ޤައުމުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ދާޚިލީ ހަމަނުޖެހުމާއި, މޫސުމީ ބަދަލުތަކާ ގުޅިގެން އާދަޔާ ޚިލާފަށް ހޫނުގަދަވެ, ދަނޑުވެރިކަމަށް ހުރަސް އެޅުމެވެ. އެ ޤައުމުތަކުގެ އާބާދީގެ ބޮޑު އިންސައްތައެއް މި ވަގުތު ދިރިއުޅެނީ, ފެންބޮޑުވުމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާވާ ފަދަ ވަގުތީ ހިޔާތަކުގައި ކަމަށް ޑަބްލިޔުއެފްޕީގެ އޮފިޝަލުން ވިދާޅުވެއެވެ.

ޑަބްލިޔުއެފްޕީން ބުނީ, މެދުއިރުމަތީގެ ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ 30 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުން ދިޔަ މަސައްކަތްތައް މެދުކެނޑިފައިވާ ކަމުގައެވެ. ސަބަބަކީ, އެހީދޭ ޤައުމުތަކާއި އިދާރާތަކުން ވަޢުދުވެފައިވާ މިންވަރަކަށް އެހީ ނުލިބުމެވެ. މިއާ އެކު, އެތަކެއް މިލިޔަން މީހުންނެއްގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައި ފްލައިޝަރ ވިދާޅުވިއެވެ.