ޚަބަރު

ހަތިޔާރު އެޅި ޖަމާޢަތަކުން ރަޝިޔާއަށް އަރައި ވަރުގަދަ ޙަމަލާތަކެއް ދީފި


ހަތިޔާރު އެޅި ޖަމާޢަތެއްގެ ހަނގުރާމަވެރިން, ބަރު ހަތިޔާރާ އެކު ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް އަރައި ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިން, އަސްކަރީ ޓޭންކުފަހަރާ އެކު އަރާފައި ވަނީ ރަޝިޔާގެ ހުޅަނގުގެ ކޫރްސްކް ސަރަޙައްދުގެ ރަށްތަކަށެވެ. މި ޙަމަލާތަކުގެ ފަހަތުގައި ވަނީ ކްރެމްލިންގެ ސަރުކާރާ ދެކޮޅު ޖަމާޢަތެއް ކަމުގައިވާ ފްރީޑަމް އޮފް ރަޝިޔާ ލީޖަނެވެ.

އެ ޖަމާޢަތުގެ ތަރުޖަމާނު އެލޭކްސީ ބަރޮނޯވްސްކީ ބުނީ, އެ ޖަމާޢަތުގެ ހަނގުރާމަވެރިން ކޫރްސްކުގެ އަވަށެއް ކަމުގައިވާ ޗިއޯތްކިނާއަށް އަރައި, އެ ރަށަށް އަތްގަދަ ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް, މޮސްކޯއިން އެ ކަން ދޮގު ކުރެއެވެ. އަދި, ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކޫރްސްކަށް އެރި ހަނގުރާމަވެރިންނާ ކުރިމަތިލައި, އެ މީހުން ފަހަތަށް ޖައްސާފައިވާނެ ކަމުގައި މޮސްކޯން ބުނެއެވެ.

މި ޙަމަލާތަކުގައި ޔޫކްރެއިންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި އެ ޤައުމުން ބުނެއެވެ. ނަމަވެސް, މި ޙަމަލާތައް ދީފައި މި ވަނީ, ރަޝިޔާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައަށް ދެ އަހަރު ފުރިފައިވާ ވަގުތެއްގައެވެ. މިއީ, ކީވުން އަޑީގައި އޮވެ ދީފައިވާ ޙަމަލާތަކެއް ކަމުގައި ރަޝިޔާއިން ދެކެއެވެ.

"މިއީ [އަސްކަރީ އޮޕަރޭޝަނުގެ] ފުރަތަމަ ދުވަސް. އަހަރުމެންނަށް އިނގޭ, އިންތިޚާބު އޮތީ މި ހަފުތާގެ ފަހުކޮޅުގައި ކަން. އޭގެ ކުރިން ވަަރަށް ވެސް ޝައުޤުވެރިވާ ފަދަ ކަންތައްތަކެއް ހިނގާނެ،" ބަރޮނޯވްސްކީ ބުންޏެވެ. މިއީ, ރަޝިޔާ ސިފައިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދޭ ސަމާލު ކަން ކުޑަ ކުރުމުގެ ބޭނުމުގައި ދީފައިވާ ޙަމަލާތަކެއް ކަމަށާއި, އެ ޖަމާޢަތުގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ރަޝިޔާގެ އަސްކަރިއްޔާގެ ރިޒަރވް ސިފައިން ނެރެން މަޖުބޫރުވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ފްރީޑަމް އޮފް ރަޝިޔާ ލީޖަނުން ކޫރްސްކްގެ ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި ކްރެމްލިންގެ ސަރުކާރާ ދެކޮޅު އެހެން ފައުޖުތަކެއް ކަމުގައިވާ ރަޝިޔަން ވޮލަންޓިޔަރ ކޯއާއި ސައިބީރިޔަން ބެޓެލިޔަންގެ ހަނގުރާމަވެރިން ވެސް ބައިވެރިވިއެވެ. އެ ޖަމާޢަތްތަކުން ކޫރްސްކުގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ, ރަޝިޔާގެ އަސްކަރީ އުޅަނދުފަހަރު ނައްތައިލާފައިވާ ކަމަށް ބުނާއިރު, އެ ސަރަޙައްދުގެ ގަވަރުނަރު އެ ކަން ދޮގު ކުރައްވައެވެ.

ކޫރްސްކުގެ ގަވަރުނަރު ވިދާޅުވީ, ޔޫކްރެއިންގެ ފައުޖުތަކުން ޗިއޯތްކިނާއަށް ޙަމަލާތަކެއް ދީފައިވާ ކަމަށާއި, އެ ޙަމަލާތަކުގައި ޢާންމުންގެ އެކަކު ޒަޚަމުވެފައިވާ ކަމުގައެވެ. އަދި, ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ, އެ ޤައުމަށް ޙަމަލާދޭން މަސައްކަތް ކުރި ހަނގުރާމަވެރިން ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ. އަދި, މިއީ ޔޫކްރެއިންގެ "ޓެރެރިސްޓުން" ދީފައިވާ ޙަމަލާތަކެއް ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ތުހުމަތު ކުރެއެވެ.

ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ޙަމަލާތަކާ ދިމާކޮށް, ޔޫކްރެއިންގެ ފައުޖުން ވެސް ވަނީ ކޫރްސްކާއި ބިޔެލްގޮރޮދަށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. ޔޫކްރެއިނާ އިންވެގެން އޮންނަ ރަޝިޔާގެ ބިޔެލްގޮރޮދުގެ ގަވަރުނަރު ވިދާޅުވީ, ޔޫކްރެއިންގެ ޑްރޯނެއް އެ ރަށުގައި ހުންނަ ސަރުކާރު ޢިމާރާތަކަށް ވެއްޓި, ދެ މީހަކު ޒަޚަމުވެފައިވާ ކަމުގައެވެ. ނަމަވެސް, އެ ސަރަޙައްދަށް ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަން ޔޫކްރެއިނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.